ރައީސް އަބްދުﷲ ޔާމީން ހއ. އިހަވަންދޫއަށް ވަޑައިގަތުމާ ދިމާކޮށް އެރަށަށް އެރި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ކެފޭއެއްގެ ތެރެއަށް ވަދެ ހިންގި ހަމަނުޖެހުމުގައި އަނިޔާވި އެ ކެފޭގެ ވެއިޓަރު އިތުރު ފަރުވާ ދިނުމަށް އެއަތޮޮޅު ދިއްދޫއަށް ގެންގޮސްފިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށަށް އެސްއޯ ފުލުހުން އަރައި ހިންގީ މާރާމާރީއެއް ކަމަށާއި އެ މާރާމާރީގައި އެރަށުގެ ދެ ކައުންސިލަރަކަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ކޯޓު އަމުރަކާ ނުލައި ބަނދަރު ސަރަހައްދުގައި ދެބުރިއަށް ނަގާފައި ހުރި އިމާރާތެއްގެ ކެފޭއަކަށް ވަދެ، ހަމަނުޖެހުން ހިންގައި ހަތަރު މީހަކަށް އަނިޔާ ދީފައިވާ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
އަންގާރަ ދުވަހު ހަވީރު އާއްމުވެފައިވާ ފޮޓޯތަކުގައި ވެއިޓަރުގެ އަތަށް ތަދުވާތީ އަތުގެ ހުޅުގައި ހިފަހައްޓައިގެން ހުންނަތަން ފެނެއެވެ. އަދި އަންގާރަ ދުވަހުގެ ރޭ ދިއްދޫއަށް ފުރުމުގެ ކުރިން ބައެއް އާއްމުން ނަގާފައިވާ ފޮޓޯތަކުގައި އަތުގައި ބެންޑޭޖް އޮޅާފައިވާ މަންޒަރު ފެނެއެވެ.
ރައީސް ޔާމީން އެ ރަށަށް ވަޑައިގެންނެވި ވަގުތު ކެފޭ ތެރޭގައި ތިބި ޒުވާނުންތަކެއް، ފޮޓޯ ނެގުމުން އެސްއޯ ފުލުހުން އެކަމާ ރުޅިގަދަވެ، ކެފޭ ތެރޭގައި ތިބި މީހުން ނުކުތުމަށް އެންގި ކަމަށާއި އެއާ އެކު ހަމަނުޖެހުން ހިނގި ކަމަށް ކައުންސިލްގެ ނާއިބު ރައީސް އަލީ ރަމީޒު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ ތާޢިދު ބޮޑު އިހަވަންދޫ ތަމްސީލް ކުރައްވާ މަޖިލިސް މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށް މަޖިލީހަށް ވަނަނުދީ ހިފަހައްޓާފައިވާއިރު، އިހަަވަންދޫ ކައުންސިލަރުންނަކީ އެތައް ފަހަރަކު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސަސްޕެންޝަންތަކުގެ ޝިކާރަޔަކަށް ވެފައިވާ ބައެކެވެ. އަދި އެކަންކަމުގެ ސަބަބުން އިހަވަންދޫ ރައްޔިތުން ސަރުކާރު ދެކެ ނުރުހިފައިވާ ކަމަށް އެރަށުގެ ބައެއް ޒުވާނުން ބުނެއެވެ.
ރައީސް ޔާމީންގެ ދަތުރުފުޅާއި ދިމާކޮށް އެސްއޯ ފުލުހުން އެމްޑީޕީގެ މެޖޯރިޓީ އޮތް ރަށަކަށް އަރައި، ހަމަނުޖެހުން ހިންގާފައިވާއިރު، ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަށްރަށަށް އަރާވަޑައިގަންނަވަނީ ފުލުހުންނާއި ސްޕެޝަލް ފޯސަސް ސިފައިން ހިމެނޭ ގޮތަށް ހަތިޔާރު އެޅި ބޮޑު ލަޝްކަރަކާ އެކުގައެވެ.