ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރާއްޖެއާމެދު ފިޔަވަޅު އެޅުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ހަވީރު އެމްޑީޕީ އޮފީސް ކުރިމަތިން ފެށުމަށް ހަމަޖެއްސި ހިނގާލުމަށް ފުލުހުން ހުރަސް އެޅުމުން އެސަރަހައްދުގައި ހުންނަވާ އިންތި ވިދާޅުވީ އީޔޫ ފަދަ ބައިނަލްއަގްވާމީ ބޮޑެތި ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.
އިންތި ވިދާޅުވީ އީޔޫއިން ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މިސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށާއި ރާއްޖޭގައި އިންސާނީ ހައްގުތައް ނެތުމާއި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި އަދުލްއިންސާފު ނެތުމަކީ ދިވެހި ރައްޔިތުންގެ އިތުރުން ދުނިޔޭގެ ގައުމުތަކުން ވަރަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށެވެ.
އީޔޫއިން ރާއްޖެއާމެދު ފިޔަވަޅު އަޅަނީ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް އެހީތެރިވަމުންދާ ބައެއް ފަރާތްތަކާމެދު އެވެ.
އިންތި ވިދާޅުވީ ޣައިރު ގާނޫނީ އަމުރު ކުރާ ފަރާތްތަކުން ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުންނާއި ސިފައިން ތަބާވަން ނުޖެހޭ ކަމަށާއި ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާ ފުލުހުންނާއި ސިފައިން ކުރަނީ ވެސް ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށެވެ. އެހެންކަމުން އެފަދަ އަމުރު ކުރާ ފަރާތްތަކާއި އެފަދަ އަމުރުތަކަށް ތަބާވާ ފަރާތްތަކާމެދު ކުރިއަށް އޮތް ތާނގައި ތަހުގީގު ހިންގާ ޝަރީއަތް ހިންގޭނެ ކަމަށެވެ. އެހެންކަމުން ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ފުލުހުންނާއި ސިފައިންނަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ދުނިޔޭގެ ގައުމުތައް ހިނގަމުންދާގޮތާއި ލާއިންސާނީ އަނިޔާތަކާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގަމުންދާކަން ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމަކީ ވަކި ބާރުގަދަ ބޭފުޅެއް ނޫން ކަަމަށް އިންތި ވިދާޅުވިި އެވެ.
އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ނެތް ނަމަވެސް އިންތިހާބެއް ބާއްވައިފިއްޔާ ރައީސް ޔާމީން ބޮޑުތަނުން ބަލި ވާނެ ކަމަށާއި އޭގެފަހުން އުފެދޭ ސަރުކާރުން ރައީސް ޔާމީނާއި އެމަނިކުފާނަށް ވާގިވެރިވި ފަރާތްތަކާމެދު ތަހުގީގު ހިންގާ ޝަރީއަތް ކުރެވޭނެ ކަމަށްވެސް އިންތި ވިދާޅުވި އެވެ.
ނަމަވެސް އިންތި ވިދާޅުވީ ޝަރީއަތް ހިންގާނީ ރައީސް ޔާމީންގެ ސަރުކާރުން ޝަރީއަތް ހިނގަމުންދާ ގޮތަށް ނޫން ކަމަށާއި އިންސާފު ގާއިމުކުރާނީ ރައްޔިތުންނާއި ދުނިޔޭގެ ގައުމުތަކުން އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ގަބޫލުކުރާ ހަމަތަކުގެ މަތިން ކަމަށެވެ.
އިންތި ވިދާޅުވީ ރައްޔިތުންގެ ބައިތުލްމާލު ކައި ހުސްކުރާ ވެރިންނާމެދު އަދުލްއިންސާފު ގާއިމު ކުރެވޭ ދުވަސް މާދުރު ނޫން ކަމަށެވެ.