ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު، ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެކުލަވާލާ ސަރުކާރުން، މިހާރު ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ މަރަދޫއަށް ވަޑައިގެން، އެ ރަށުގައި ހަރުގެއެއް ހުޅުވުމަށްފަހު، އިބޫ ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން އުޅެނީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ބުނެވެން ނެތް ކަމަށެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެކޭ، އަޅުގަނޑުމެންނަކަށް ދެންނެވޭކަށް ނެތް. އަޅުގަނޑުމެން ގުޅިފައިވާ މި އޮތް ހަތަރު ޕާޓީގެ ލީޑަރުންނަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނީ ގޮތުން ހުރަސްތަކެއް ނެތް ނަމަވެސް، ސިޔާސީ ގޮތުން ރައީސް ޔާމީން މި ވަނީ އެއިން އެއްވެސް ބޭފުޅަކަށް ކުރިމަތި ނުލެވޭ ގޮތަށް ހުރަސްތަކެއް ކުރިމަތިކޮށްފައި. އެހެން އޮވެ ދާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ބުނެވޭނެ އެއްވެސް ސަބަބެއް ނެތް،"
ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލައްވައި، އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި ވެރިކަމުގެ ފުރަތަމަ ދުވަހު ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން އިތުރުން ނުހައްގުން ހުކުމްކޮށްފައިވާ ސިޔާސީ ފަރާތްތައް ވެސް މިނިވަން ކުރާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ތިބޭފުޅުންގެ މަސައްކަތާއެކު ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލާ ސަރުކާރުގެ ފުރަތަމަ ދުވަހު އިރާދަ ކުރެއްވިއްޔާ މާތް ރަސްކަލާންގެ ރަހުމަތުން، އެ ހުރިހާ ބޭފުޅުން މިނިވަން ވެގެންދާނެ،" އިބޫ ވިދާޅުވިއެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ނެތް ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ސަރުކާރުގެ ވަޒީފާއެއްގައި އުޅެމުން އެ މީހަކު ތާއިދު ކުރާ ޕާޓީއެއްގެ ހަރަކާތެއްގައި މިނިވަންކަމާ އެކު ބައިވެރިވުމުގެ ފުރުސަތު ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ "ކަންބޮޑުވެވަޑައި ނުގެން، ބިރު ނުގަނެ" ނުކުތުމަށް އިބޫ ވަނީ ގޮވާލައްވާފައެވެ.
އިބޫ ވިދާޅުވީ ސިޔާސީ ހަރަކާތުގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިޔާދަކޮށްދެއްވާނެ ކަމަށާއި ލިބޭ ގެއްލުމުގެ ބަދަލު ވެސް ދޭނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ އަޅުގަނޑުމެން ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލާ ސަރުކާރުން މިއަދު ސިޔާސީ ހަރަކާތްތަކަށް ނުކުމެގެން ވަޒީފާއިން ވަކިކުރެވޭ އެންމެންނަށް އަނބުރާ ވަޒީފާ ދޭނަން. އަދި ވަޒީފާއިން ވަކިކޮށްގެން ލިބޭ ގެއްލުންތަކުގެ ބަދަލު، އެ ހުރިހާ އެންމެންނަށް ދޭނަން. ފަހަތަށް ޖެހިވަޑައިނުގެން އަޅުގަނޑުމެންނާއެކު، ނުކުމެ މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ" އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރަނީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި އެ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ކަމުގައިވާނަމަ ތަފާތު ފިކުރުގެ އެކި ޕާޓީތައް ގުޅިގެން މަސައްކަތެއް ނުކުރާނެ ކަމަށެވެ.