މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ރާއްޖޭ އެމްވީއަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު އަދި ސްޕޯކްސް ޕާރސަން އަހުމަދު އަކްރަމް ވިދާޅުވީ އެ ދެޕާޓީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލުތައް ކޮންގްރެސް ނިންމުމާއި އެކު އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެމްޑީޕީއާއި ޖޭޕީގެ ކޮންގްރެސް އިން ފާސްކުރި އެ ޕާޓީތަކުގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް އެ ކޮމިޝަނުން އެންޑޯސް ކޮށްފައިވާ ކަމަށާއި އާދިއްތަ ދުވަހު ދަފްތަރުކުރާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އެމްޑީޕީ އަދި ޖޭޕީގެ ކޮންގްރެސް ހިނގަމުން ދިޔަ އިރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮންގްރެސް އޮބްޒާވް ކޮށްފައެވެ.
އެމްޑީޕީގެ ކޮންގްރެސްގައި 800 އެއްހާ މަންދޫބުން ބައިވެރިވެފައިވާއިރު އެތައްސަތޭކަ މީހުން ވަނީ އއ. އުކުޅަހަށް ކޮންގްރެސްގައި ބައިވެރިވުމަށް ގޮސްފައެވެ. މި ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވަނީ އިންތިހާބް ކޮށްފައެވެ.
ޖޭޕީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީން އަލަށް ރައީސްގެ މަގާމު އުފައްދައި، އެ މަގާމަށް ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އިންތިޚާބު ކޮށްފައެވެ. އަދި ލީޑަރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއްގެ ގޮތުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ކޮންގްރެސްއިން ހަމަޖައްސާފައެވެ.