އދ. އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރީ ފާނަ މަސްވެރިކަން ކުރަން އުޅުނު "ޓާގެޓް" ނަމަކަށް ކިޔާ ދޯނިން މީހަކު ކަނޑަށް ވެއްޓިގެން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށާއި، އެ މީހާ ހޯދުމުގެ މަސައްކަތް އާދިއްތަ ދުވަހު ވެސް ކުރަމުން އަންނަ ކަމަށް އެމްޑެންޑީއެފުން ބުނެފިއެވެ.
ޓާގެޓް ދޯނިން އެމްއެންޑީއެފް ކޯސްޓް ގާޑަށް މައުލޫމާތު ދީފައިވާ ގޮތުގައި ކަނޑަށް ވެއްޓިފައި ވަނީ ފ. ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ އަބްދުﷲ ނަސީރެވެ. މި މީހާ ކަނޑަށް ވެއްޓުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެކެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ހުކުރު ދުވަހު 14:39 ހާއިރުއެވެ.
އާދިއްތަ ދުވަހު އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދާ ކަމަށާއި މިކަމުގައި ޑައިވިންގ ރޮބޮޓް ގެ ބޭނުން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރުން، ދިގުރަށު ޑައިވިންގ ސްކޫލާއި ވިލަމެންދޫ ޑައިވަރުންނާއި މަހިބަދޫ ޕޮލިހުންނާއި ލިލީ ބީޗް ޑައިވަރުން ކަމަށެވެ. މީގެ އިތުރުން ވިލަމެންދޫއާއި ލިލީ ބީޗްގެ ދެ ބޯޓު ވެސް އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމަށް ވައިގެ މަގުން އެހީތެރިކަން ފޮރުކޮށް ދިނުމަށް އެ ސަރަހައްދުން ދުއްވާ އެއާރ ޓެކްސީތަކުގައި އެދިފައިވާނެ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.
މި ސަރަޙްދުން ދަތުރުކުރާ ފަރާތްތަކުން، މި މީހާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.