ދިވެހި ސަރުކާރުގެ ބައެއް ވެރިންނާއި ސަރުކާރާ ގުޅިފައިވާ ބައެއް ފަރާތްތަކާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ހޯމަ ދުވަހަށް އެޖެންޑާކޮށްފި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލް ބައްދަލުވުން ފަށާނީ ހޯމަ ދުވަހު ރާއްޖޭ ގަޑިން 11:00 ގަ އެވެ. ފޮރިން އެފެއާޒު ކައުންސިލްގެ ހޯމަ ދުވަހުގެ އެޖެންޑާގެ ނޮން ލެޖިސްލޭޓިވް ހަރަކާތްތަކުގެ އެޖެންޑާގެ ފަސް ވަނަ ނަންބަރަކަށް އޮތީ ދިވެހިރާއްޖޭގެ މައްސަލަ އެވެ.
ރާއްޖެއާމެދު ފިޔަވަޅު އަޅަނީ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ ފަރުދުންނާއި، ބައެއް ފަރާތްތަކާމެދު އެވެ.
މިިިއަހަރުގެ މާޗް މަހު، އީޔޫގެ ކައުންސިލަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހަނިކޮށް، ހިފެހެއްޓުމަށް ބާރުދީ އެކަން ކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ މުދާ ވިލާތުގެ ޤައުމުތަކުގައި ހުރިނަމަ އެ މުދާ ހިފަހައްޓައި، އެފަރާތްތަކަށް ވިލާތަށް ދަތުރުކުރުން މަނާ ކުރުމަށެވެ.
ރާއްޖެއާމެދު ފިޔަވަޅު އަޅާއިރު، ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައިވަނީ މިމަހު މެދުތެރޭގައި އީޔޫން ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ވާހަކަތަކަށް ރައްދުގައި ސަރުކާރުން ބަސް ބުނަމުން ދިޔަ ނަމަވެސް، އަންގާރަ ދުވަހު މ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އީޔޫއިން ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޔާމީން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ފިޔަވަޅު އެޅިޔަސް ގޮތް ދޫނުކުރައްވާނެ ކަމަށެވެ. އެ އުސޫލުތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާކަމުގައިވާނަމަ އެކަންކަމުގައި ﷲ އަށް ވަކީލު ކޮށްލައިގެން ކަންކަން ހައްލުކުރާނެ ގޮތް ހޯއްދަވާނީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން ކުށްވެރިންތަކެއް ޖަލުގަ ތިބެގެން އެމީހުންނަކީ ޖަލުން ދޫވެފައިތިބެން ޖެހޭނެ ބައެއް ކަމަކަށް. ޔޫރަޕްގެ އިއްތިހާދުން ގޮވާލަނީ އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ތިމަންނަ މެން ގަބޫލު ކުރާނީ ހުރިހާ ކުށްވެރިން ދޫކޮށްލީމައޭ. އެ އެންމެންނަން އިންތިހާބުގައި ބައިވެރިވެވޭނެ ޖާގަ އޮންނަން ޖެހޭނެއޭ. އަޅުގަނޑު އެކަމެއް ގަބޫލެއް ނުކުރާނަން. ދިވެހި ރައްޔިތުން މިއަދު ވޯޓެއް ލިޔަސް އެކަންކަމެއް ގަބޫލެއް ނުކުރާނެ. އެތާ ކުށުގައި ތިބީ ހަމައެކަނި ސިޔާސީ މީހުނެއް ނޫން. އެތާ ކުށްކޮށްފައި އެބަތިބި އެކި ވައްތަރުގެ ކުށް ކޮށްފައިވާ ފަރާތްތައް." ރައީސް ވިދާޅުވި އެވެ.
މިހުރިހާ ފަރާތްތަކުގައި ހުރި އެއް ސިފައަކީ ސިޔާސީ ފަރާތްތަކަށް ވުން ކަމަށާއި އެ ފަރާތްތަކީ ޝަރީއަތުގެ ކުރީމަތީގައި މުޖުރިމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ޝަރީއަތުން ބޭރުން ދޫކޮށްލުމަށް ބަޔަކު ބުނި ކަމުގައިވީ ނަމަވެސް މިމީހުން ދޫކޮށް ނުލެވޭނެ ކަމަށާއި އެއީ ކުރެވޭނެ ކަންކަމެއް ވެސް ނޫން ކަމަށެވެ.
"އަޅުގަނޑަށް އިއްތިހާދުގެ ފަރާތުން ކިތަންމެ ވަރަކަށް ގޮވާލަމުންދިޔަ ނަމަވެސް މިހުރިހާ ކުށްވެރިންނަކީ ކުށެއް ނުކުރާ ބަޔަކަށް ނުހެދޭނެ. ގޮނޑި ގެއްލުނު މެންބަރުންނަކީ ވެސް ގޮނޑި ނުގެއްލޭ މެންބަރުންނަކަށް ނުހެދޭނެ. މިކަމާ ދޭތެރޭގައި އެއްޗެއް ވިދާޅުވަންޖެހޭނީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅުތަކަށް އެޅުމަށް އިންޒާރުދީފައިވާ އިރު އެ އިއްތިހާދަށް އިދިކޮޅުން ދައްކާ ވާހަކަތައް މާ މަގްބޫލުކަން ބޮޑު ކަމަށެވެ.