މަޝްވަރާއިން ދެން ގޮތެއް ނިންމާނީ ރައްޔިތުންކަމަށާއި އެކަން ކުރުން އޮތީ ދާދި ގާތުގައިކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އައުުމަށް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ގޮވާލި ގޮވާލުމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ، މަޝްވަރާއަށް އައުމަށް ޕާޓީތަކަށް ދައުވަތު ދިން ދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތްތަކުގެ ލޮލުގައި އަޅުވާ އަނދުނެއްކަމަށެވެ. އަދި އެއީ ސަރުކާރުން އިހުލާސްތެރި ނިޔަތަކާއެކު ގޮޮވާލި ގޮވާލުމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ދައްކާ ދަޅައެއް. މީގެ ކުރިން އިދިކޮޅު ފަރާތްތަކުންވެސް އެތަށް ފަހަރަކު އިޚްލާސްތެރިކަމާއި އެކު މަޝްވަރާއަށް ގޮވާލި، ސަރުކާރުން ދިނީ ބީރު ކަންފަތެއް. އަޅައެއްނުލި" އޭނާ ވިދާޅުިވިއެވެ.
ނަޒީރު ވިދާޅުވީ އޭރު އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް ގޮވާލުމުން އެކަމަށް އިންކާރު ކުރީ ސިދާ ރައީސް ޔާމީންކަމަށެވެ. އަދި މަޝްވަރާ ކޮންމެހެން ނުކުރިއަސް، އިންތިޚާބުތަކާއި ބެހޭ ގާނޫނުތަކާއި ގަވާއިދު ތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމުން އިންތިޚާބު އިންސާފުވެރިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ދެން މަޝްވަރާއިން ގޮތެއް ނިންމާނީ ދިވެހި ރައްޔިތުންކަމަށާއި، އެނިންމުން ނިންމަން ދާދި ކައިރިވެއްޖެކަމަށެވެ. އަދި ޕާޓީތަކުން މަޝްވަރާގައި ބައިވެރިވުމާއިމެދު ގޮތެއް ނިންމާފައިވާކަމަށާއި، އެއީ އދ. ފަދަ ޖަމިއްޔާއެއް މެދުވެރިވެ މަޝްވަރާތައް ކުރިއަށްގެންދިއުންކަމަށް ނަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީތަކުން އަދިވެސް ތިބީ އެގޮތުގައި ކުރިއަށް ދިއުމަށް ކަމަށެވެ.
ސަރުކާރުން ސިޔާސީ ޕާޓީތަކުުގެ މަޝްވަރާއަށް ގޮވާލާފައިވަނީ އިދިކޮޅު ރަނިންމޭޓަކަށް ފައިސަލް ނަސީމް ހޮވުމާއި ގުޅިގެން އޭނާއަށް މަރުހަބާ ކިޔައި، ރައީސް އޮފީހުން ނެރުނު ބަޔާނެއްގައެވެ. އަދި މަޝްވަރާއަށް ގޮވާލީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ކާމިޔާބު އިންތިޚާބަކަށް ހެދުމުގެ ބޭނުމުގައްޔާއިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.