ވައްކަމާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނަން ފުވައްމުލަކު ސިޓީ އޮތީ ތައްޔާރަަށް ކަމަށް ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންއަށް އަތޮޅުތެރެެއަށް ފުރަތަމަ ފެެއްޓެވި ދަތުރުފުޅުގައި އައްޑޫސިޓީއަށް ފަހު ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ކީ މަރުހަބާއަށް ޝުކުރު ދަންނަވަމުން އިބޫ ވިދާޅުވީ، ފުވައްމުލަކު އޮތީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނުމަށް ތައްޔާރަށް ކަމަށެވެ.
"އިންސާފު ގާއިމްކޮށް އިންސާފު ހޯދައި ދިނުމަށް ގޮވައި. އަޅުގަނޑުމެންނާއި އެކީ އެބޭފުޅުން ތިއްބެވި ތަން މިއަދު މި ފެންނަނީ" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ، އެރަށުން ބައްދަލުވި ގިނަ މީހުންގެ އެންމެ ބޮޑު އެދުމަކީ މިގައުމުގައި އިންސާފު ގާއިމްކޮށްދިނުން ކަމަށެވެ.
އިބޫގެ ރަނިންގމޭޓް އަދި ފުވައްމުލަކަށް އުފަން ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވީ، މިއަދު ފުވައްމުލަކުން ފެނިގެންދާ މަންޒަރަކީ އެރަށުގެ 80 އިންސަައްތަ އަށްވުރެ ގިނަ ރައްޔިތުން ތިބީ އިސްލާހަށް އަދި ހެއުބަދަކަށް ބޭނުން ވެފައި ކަމަށެވެ.
"އަޅުގަނޑު ގާތު ތިބޭފުޅުން އެއްވެސް އެއްޗެއް ވިދާޅުވާކަށް އޮޅުން ފިލުވައިދޭކަށް ނުޖެހޭނެ، އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ އުފަން ރަށަށް ބޭނުންވާ ހުރިހާކަމެއް" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ފުވަށްމުލަކު ސިޓީއަށާއި މުޅި ދިވެހިރާއްޖެއަށް އެބޭފުޅުންގެ ސަރުކާރެއްގައި ހަމަހަމަ ކަމާއިއެކު ތަރަށްގީ ގެނެސްދެއްވާނޭ ކަމަށެވެ.
އަދި އެތަރައްގީ ގެނައުމަށްޓަކައި ރިޔާސީ އިންތިޚާބުގައި އެބޭފުޅުންގެ ގުޅިފައިވާ އެއްބައިވަންތަކަމުގެ ސަރުކާރެއް ގެނެސްދެއްވުމަށް ހުރިހާ ރައްޔިތުން ވެސް ވޯޓް އަޅުއްވައި ދެއްވުމަށް ފައިސަލް ވަނީ އެދިވަޑައިގަންނަވާފައެވެ.