ދައުލަތުގެ ބާރުތަކުގެ ތެރެއިން ރައްޔިތުން ތަމްސީލު ކުރާ ހަމައެކަނި، މުއައްސަސާއަކީ ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުންގެ ރޫހާއި ވިންދާއި ހާލަތަށް ރިޔާއަތް ކުރުމަށް ފަހު ބަސް އިއްވާ ތަނަކީ މަޖިލީހެވެ. މަޝްވަރާ އާއި ސައްލާތަކާ އެކު، ފަހު ނިޔާ ކަނޑައަޅާ ތަޅުމަކީ އެއީއެވެ. ޝޫރާގެ މަތިވެރި އުސޫލު ދަމަހައްޓާ ތަނަކީ ރައްޔިތުންގެ ތަޅުމެވެ. ރައްޔިތުންގެ މަޖިލީހެވެ.
ނަމަވެސް ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެކުނާއި މެދުރާއްޖެ ތެރެ އާއި އުތުރު ހިމެނޭ ގޮތަށް، މަޖިލީހަށް އިއްތިހާބު ކޮށްފައިވާ 12 މެމްބަރެއްގެ ހައްގު ވަނީ ނިގުޅައިގެންފައެވެ. އެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް، ހުއްޓުވުމަކީ އެތައް ހާސް ރައްޔިތުނެއްގެ އަޑު ކަނޑުވާލުމެވެ. އެގޮތުން އެ ބާރަ މެމްބަރުންނަކީ 60،000 ވުރެ ގިނަ ރައްޔިތުން ހިމެނޭ 12 ދާއިރާއަކުން އިންތިހާބުކޮށްފައިވާ، ރައްޔިތުންގެ މަންދޫބުންނެވެ. އެ މަންދޫބުންގެ އަޑަށް ބީރު ކަންފަތެއް ދިނުމަކީ، އާބާދީގެ 17 ޕަސެންޓް ރައްޔިތުންގެ ހައްގު ނިގުޅައިގަތުމެވެ.
މަޖިލީހުގެ 12 މެމްބަރުން މަޖިލީހަށް ވަނަނުދީ ހުއްޓުވާފައި ވަނީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ކުރި ހުކުމާ އެކުގައެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއިހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.
ޕާޓީ ބަދަލު ކުރުމާއި ޕާޓީން ވަކިކުރުމުން، މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ، ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އެ 12 މެމްބަރުން މަޖިލީހަށް ވަނަނުދީ ހިފަހައްޓަން ދެއްކި ހުއްޖަތަކީ 13 ޖުލައިގައި ކުރި ހުކުމެވެ. އަދި އެ ހުކުމާ ގުޅިގެން ގޮނޑީގެ މައްސަލާގައި ސާފު ނިޔާއެއް ކަނޑައަޅަން މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދެ ފަރާތަށް މާނަ ނެގޭ ގޮތަށް ނެރުނު އަމުރާ އެކު، ހާލަތު އިތުރަށް ގޯސްވެގެންދިޔައެވެ.
އެ އަމުރާ އެކު 12 މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ހިފެހެއްޓުމަށްފަހު، އޭގެ ހަ މަސް ފަހުން، އަނެއްކާވެސް އެ މެމްބަރުން މަޖިލީހަށް ވަޑައިގަތުމުގެ ހުއްދަ ދިނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުންނެވެ. ސުޕްރީމް ކޯޓުން އެ އަމުރު ނެރުނީ އެ މެމްބަރުންގެ ހައްގުތައް ނިގުޅައިގަނެ، އިންސާފުން ބޭރުން، ސަރުކާރުން އަމަލު ކުރަމުންދާތީއެވެ. އެ އަމުރުގައި ބުނެފައި ވަނީ "ފްލޯ ކްރޮސިން"ގެ މައްސަލައަށް އެ ކޯޓުން ހައްލު ހޯދައިދިންތާ، ހަ މަހާއި 20 ދުވަހުގެ ފާއިތުވިއިރުވެސް، އެ ހުކުމާ އެއްގޮތަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވެސް އަމަލުކޮށްފައި ނުވާ ކަމަށާއި ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކޮށްފައިވާ ބައެއް މެމްބަރުން އިލެކްޝަންސް ކޮމިޝަނުން ވަކިކޮށް އެކަން އިއުލާންކޮށްފައިވާ ކަމަށާއި އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނުވަނީސް، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް، އޭގެ 18 ދުވަސް ފަހުން، ފެބްރުއަރީ 18 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރު ނެރުނު އަމުރުގައި އެ މެމްބަރުންގެ ވަގުތީ ގޮތުން މަޖިލީހަށް ވަޑައިގަތުން ވަނީ ހުއްޓުވާފައެވެ. އެ ވަގުތީ އަމުރުގައި އެ މެމްބަރުން ތިއްބަވާތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެގެންދިޔައީއެވެ. ވަގުތީ އަމުރަކަށް 148 ދުވަސް ވެގެންދާއިރު، އެ މައްސަލާގައި ސުޕްރީމް ކޯޓުން ބޭއްވި އެންމެ ދެ އަޑުއެހުމެކެވެ. އަދިވެސް ދަނީ އެ މައްސަލަ ދިގުލައިގެންނެވެ.
އެ މެމްބަރުންގެ ހަމައެކަނި ކުށަކަށްވީ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ ދެކޮޅުވުމެވެ. ވިސްނުން ބަދަލުވުމެވެ. ފިކުރު ބަދަލުވުމެވެ. ފްލޯ ކްރޮސް ކުރުމަކީ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުގެ ކުރިން، އެ ބޭފުޅުން ވަނީ ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ނިންމަވައި، އެކަމުގެ އިޖުރާއަތުތައް ފައްޓަވާފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައިވާ ގޮތަށް އެ މެމްބަރުންގެ ގޮނޑިއެއް ނުގެއްލެއެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ ރޫލިންތަކާއި އަސާސްތަކާއި ނެރެފައިވާ ރައުޔުތަކުން އެކަން ސާފު ވާނެއެވެ. ބާރަ މެމްބަރުން ކެނޑިނޭޅި ބުނަމުން އެ ދަނީ އެ ވާހަކަތަކެވެ. އެ ބޭފުޅުންގެ ހައްގުގެ އަޑު، ކެނޑިނޭޅި އުފުލަމުންދާތާ އަހަރު ދުވަސްވީއިރު ވެސް މަސްއޫލުވެރި އިދާރާއަކުން އެކަމަށް ޖަވާބުދާރީއެއް ނުވެއެވެ. ހައްގުގެ އަޑަށް ދިނީ ބީރު ކަންފަތެކެވެ.