އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޮނިހިރު ދުވަހު ހުޅުވައި ލައްވައިފިއެވެ.
ރައީސް އޮފީހުން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ވަނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ފަސް ވަނަ މާއްދާގައިވާ ގޮތުން ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި އަށް ޝަރުތެއް ހަމަވާން ޖެހެއެވެ. އެގޮތުން މުސްލިމެއް ކަމުގައިވުމާއި ދިވެހި ރައްޔިތެއް ކަމުގައި ވުމާއި އުރުމުން 25 އަހަރު ވާން ޖެހެއެވެ.
އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތުން ސާބިތުވެފައިވާ މީހަކަށް ނުވުމާއި ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމެވެ.
މީގެ އިތުރުން ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައިނުވުމާއި ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރު ވެފައިވާ މީހެއް ކަމުގައި ނުވުމެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުމެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރާއި ފުރިހަމަ ކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފު ކުރަންޖެހޭ ފޯމުގެ އިތުރުން ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ ހުށަހަޅަން ޖެހޭނެ ކަމަށް ރައީސް އޮފީހުގެ އިއުލާންގައި ވެއެވެ.
ރައީސް އޮފީހުން ބުނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް ލިޔެކިޔުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 14:00 އަށް ރައީސް އޮފީހުން ކަމަށެވެ. މިކަމާ ގުޅޭ ފޯމްތަކާއި އިގްރާރްތައް ރައީސް އޮފީސް ވެބްސައިޓުން ޑައުންލޯޑް ކުރެވެއެވެ.