ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމު، އައްޑޫ ސިޓީ ހުޅުދޫއަށް ވަޑައިގެން، ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕާފުޅު، މުހައްމަދު ސައީދާ ބައްދަލު ކުރައްވައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ފަށާފައިވާ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން، އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އައްޑޫ ސިޓީ ހުޅުދޫ، އަލިވާގޭގައެވެ. ހޮނިހިރު ދުވަހުގެ މެންދުރުފަހު އެ ގެއަށް ވަޑައިގެން އިބޫ އާއި ފައިސަލް ވަނީ ވަރަށް ގިނައިރު ވަންދެން، ސައީދުއާ ވާހަކަފުޅު ދައްކަވާފައެވެ.
އިބޫގެ ދަތުރުފުޅު ކަވަރު ކުރުމަށް އައްޑޫ ސިޓީއަށް ގޮސް ހުރި ރާއްޖެޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމް ބުނީ އަބްދުﷲ ސައީދުގެ މައްޗަށް ހިންގަވާފައި ވަނީ ބޭއިންސާފު ޝަރީއަތެއް ކަމަށް، ސައީދުގެ އަރިހުގައި އިބޫ ދެންނެވި ކަމަށާއި އެމަނިކުފާނަށް އިންސާފު ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށެވެ.
އިބޫ އާއި ފައިސަލް އެ ގެއަށް ވަޑައިގެންނެވުމުން، ސައީދު ހުންނެވީ ވަރަށް އުފާވެވަޑައިގެންނެވެ. އިބޫއަކީ ވެރިކަން ކުރައްވަން ވަރަށް ގާބިލު އަދި އެ މަގާމަށް ވަޑައިގަތުމަށް އެ އާއިލާ ބޭނުންވާ ބޭފުޅެއް ކަމަށް ސައީދު ވިދާޅުވިއެވެ. އިބޫގެ ރަނިންމޭޓެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީން ހޮއްވެވި ފައިސަލް ނަސީމަކީ އެ އާއިލާ ގުޅުން އޮތް ބޭފުޅެއް ކަމަށް ފާހަގަކޮށް، ސައީދު ވަނީ އެ ދެބޭފުޅުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.