އދ. އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރީ ފާނަ މަސްވެރިކަން ކުރަން އުޅުނު "ޓާގެޓް" ނަމަކަށް ކިޔާ ދޯނިން މީހަކު ކަނޑަށް ވެއްޓިގެން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދުގައި ޑައިވްކޮށްގެން ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށެވެ. ވިލަމެންދޫ ރިސޯޓުގެ ޑައިވިންގ ދޯނި އަދި ލިލީ ބީޗްގެ ލޯންޗުގެ ވެސް ކޯސްޓު ގާޑަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޓާގެޓް ދޯނިން އެމްއެންޑީއެފް ކޯސްޓް ގާޑަށް މައުލޫމާތު ދީފައިވާ ގޮތުގައި ކަނޑަށް ވެއްޓިފައިވަނީ ފ. ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ އަބްދުﷲ ނަސީރެވެ. މި މީހާ ކަނޑަށް ވެއްޓުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެކެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ހުކުރު ދުވަހު 14:39 ހާއިރުއެވެ.
މި ސަރަޙްދުން ދަތުރުކުރާ ފަރާތްތަކުން، މި މީހާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.