ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫއަށް ވި ވައުދުތައް ފުއްދައި ދެވިފައި ނުވާ ކަމަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
މާލެ ފިޔަވައި، ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީ ކަމުގައިވާ އައްޑުއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި އެ ސިޓީގެ ފޭދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ނަރުދަމާ އާއި ފެނުގެ މައްސަލަ އާއި މަގުހެދުމުގެ މަސައްކަތް ވެސް ފުރިހަމައަށް ނުކުރެވި ހުއްޓިފައިވާ ކަމަށެވެ. އެ މަސައްކަތްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫގައި ފަށާފައިވާ މަސައްކަތްތަކެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ސިއްހީ ނިޒާމު ވެސް ހޮސްޕިޓަލުގެ މަސައްކަތް ވެސް ނުނިމޭ. އެނގިވަޑައިގަންނަވާނެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރުމަށް [ވައުދުވެވަޑައިގެންފައި]. އެއީ އެމްޑީޕީގެ ވެރިކަމުގައި އެއަށް ފައިސާ ހޯދާފައިވާ ކަންކަން. އޯޕެކް ފަންޑުންނާއި ސައުދީގެ އެހީގައި 20 މިލިއަން ޑޮލަރުގެ ފައިސާ ބަޖެޓުގައި ޖެހުނު. އެއީ 2012 ވަނަ އަހަރުގެ ބަޖެޓު. އެހެން ނަމަވެސް އެ ހޮސްޕިޓަލު ވެސް ނުހެދި ވަނީ. އެކަން ލަސްވަމުން ގޮސް ކޮންވެޝަން ސެންޓަރު މިހާރު އެވެގެންދަނީ ހޮސްޕިޓަލަކަށް،"އިބޫ ވިދާޅުވި އެވެ.
އޭރު ހަމަޖެއްސި ފަންޑަށް ވީގޮތެއް ވެސް ނޭނގޭ ކަމަށް އިބޫ ވިދާޅުވި އެވެ. އައްޑޫ ސިޓީގައި ބިން ހިއްކައިގެން ނަމަވެސް ފަސް އަހަރު ދުވަހުގެ ތެރޭގައި 5000 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް މި ސަރުކާރުން ވި ވައުދު ފުއްދައި ނުދެވޭ ކަމަށް ވެސް، ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވި އެއް މެމްބަރުގެ ގޮތުގައި ހުންނެވި އިބޫ ވިދާޅުވި އެވެ.
މި ސަރުކާރުން އައްޑުއަށް ވި ވައުދުތައް ފުއްދައި ދެވިފައި ނެތުމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭކަން ފާހަކުރައްވައި އިބޫ ވިދާޅުވީ [އެމްޑީޕީން] ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ވައުދު ވާނީ ރައްޔިތުންނާ ބައްދަލުކޮށް ލިބޭ މައުލޫމާތުގެ އަލީގައި ކަމަށެވެ. އަދި ވައުދުވެ ވަޑައިގަންނަ ވާނީ ކޮށްދެވޭނެ ކަމުގެ ޔަގީންކަން އޮންނަ ކަންކަމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.