ޖަޒީރާ ރާއްޖެ ކެމްޕެއިންގެ ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފައްޓަވައި ދެއްވައިފިއެވެ.
ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން ރަސްމީކޮށް އިބޫ ފައްޓަވައި ދެއްވީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ، މަރަދޫފޭދޫއިންނެވެ. އެމަނިކުފާނު އެ ހަރަކާތް ފެއްޓެވި ވަގުތު ވެރިރަށް، މާލެ އާއި އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި ވެސް ވަނީ ދޮރުން ދޮރަށް ހަރަކާތް ފަށާފައެވެ.
ގުޅިފައިޥާ ޕާޓީތަކުގެ ދޮރުން ދޮރަން ކެމްޕެއިން ފައްޓަވައި ދެއްވުމަށްފަހު އިބޫ އާއި އެމަނިކުފާންގެ ރަނިންގމޭޓު ވަނީ އައްޑޫ ސިޓީގެ ގެތަކަށް ވަޑައިގެން، ރައްޔިތުންގެ ތާއިދު ހޯދުމުގެ މަސައްކަތް ފައްޓަވާފައެވެ.
އެ ކެމްޕެއިން ފައްޓަވައި ދެއްވުމަށް ފަހު އިބޫ ވިދާޅުވީ ދޮރުން ދޮރަށް ހިނގުމަކީ ކެމްޕެއިންގެ އެންމެ މުހިންމު ހަރަކާތް ކަމަށެވެ. އެ ކެމްޕެއިންގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ދެނެގަތުން ކަމަށާއި އެގޮތުން މެނިފެސްޓޯ ތަފްސީލުކުރުމަށް ބޭނުންވާ މައުލޫމާތު ވެސް އެ ކެމްޕެއިންގެ ތެރެއިން ހޯދާނެ ކަމަށެވެ.
"މި ވަގުތު އަޅުގަނޑުމެން މެނިފެސްޓޯގައި އެ އޮތީ ތަސައްވަރެއް، އޭގެ ހުރި މައުލޫމާތުތަށް ހިއްސާކޮށް، އެ މައުލޫމާތުތައްދީ މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އަޅުގަނޑުމެން އެންމެ މުހިންމު ކަންތަށް މިއީ. މިއަދު މިތަނުގައި ފެށިގެންދާއިރު މާލެ އާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިކަން ފެށިގެންދާނެ. މިއަދު މި ފެށެނީ ކެމްޕެއިންގެ އެންމެ މުހިންމު ހަރަކާތް، އިރާދަކުރެއްވިއްޔާ ދެން މިއަކަށް މަޑުޖެހުމެއް ނޯންނާނެ، އަޅުގަނޑުމެން މަސައްކަތް ގޮސް 23 ސެޕްޓެމްބަރ ގައި މި އިންތިހާބުގައި ބޮޑުތަނުން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން،" މަރަދޫ ފޭދޫގައި ދޮރުން ދޮރަން ހިންގެވުމުގެ ހަރަކާތް ފައްޓަވައި ދެއްވަމުން އިބޫ ވިދާޅުވިއެވެ.

އައްޑޫ ސިޓީއާ އެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފަށާފައިވާއިރު، އެ ކެމްޕެއިން މާލޭގައި ފައްޓަވައިދެއްވީ އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީއެވެ. އެ ކެމްޕެއިން ފެށުމާ އެކު އެމްޑީޕީ ހަރުގޭގައި ތިއްބެވި އާންމު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ މާލޭގެ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީނާ ބައްދަލު ކުރައްވަން ކަމަށެވެ.
"2013 ގެ އިންތިހާބުގެ ކެމްޕެއިންގައި އެބޭފުޅުންގެ އަރިއަށް ވަޑައިގެންނެވީ ޑރ. ޖަމީލޭ ނައިބް ރައީސަކަށް، މިއަދު ކޮބާހޭ ޑރ ޖަމީލު، އެބޭފުޅުން ވިދާޅުވީ ކެބިނެޓް މިނިސްޓަރެއްހެން އޭރު ތިއްބެވި ބޭފުޅުން ތިއްބެވިއޭ ނުލާހިކު އިސްމަގާމުތަކުގައި އެ ބޭފުޚުންނާއި ބައްދަލުކުރައްވާ ވޯޓު ދެއްވަން ވިދާޅުވި ބޭފުޅުން ކާނަލް ނާޒިމްގެ އޭގެ ތެރޭގައި ހިނެމިވަޑައިންނަވާ ގޮށްށް މިއަދު ކޮބާހޭ އެބޭފުޅާ" ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވިއެވެ.

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ ހެންވޭރު އުތުރު ދައިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ފަސް އަހަރު ނިމެގެންދާއިރު ރައީސް ޔާމީން އަރާވަޑައިނުގަންނަވާ ކިތެއްމެ ރަށެއް އެބަ ހުރި ކަމަށެވެ.
"ދޮރުން ދޮރަން ހިނގުން، މިކަމެއް މާލެއަށް ތާއާރަފުވެގެން އައީ 2008 ގެ އިންތިހާބަށް ތައްޔާރުވެގެން އާއިރު، އަޅުގަނޑުގެ ހަނދާން ބަލި ނޫން ކަމަށްވާއިރު، އެމްޑީޕީ އެންމެ ފުރަތަމަ އުފައްދާފައިވާ މައްފޫމެއް މިއީ،" ހަރުގޭގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ވެސް ވަނީ މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމުގެ ހަރަކާތެއް ހުކުރު ދުވަހު ފަށާފައެވެ. މާލެ 13 ދާއިރާއެއްގެ ގޭބީސީތަކަށް ޒިޔާރަތް ކުރުމަށް ފެށި އެ ހަރަކާތުގައި ހަމައެކަނި ބައިވެރިވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓް ވަޒީރުންނެވެ. ހުކުރު ދުވަހު މާލޭގެ ގެތަކަށް ޒިޔާރަތް ކުރި ރަސްމިއްޔާތުގައި ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އޭނާ މާލޭގެ ގެތަކަށް ވަޑައެއް ނުގަންނަވައެވެ.