އައްޑޫ ސީޓީއަށް ދެން ވަޑައިގަންނަވާނީ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތުގެ ޕްލޭން ހިފައިގެން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
މަރަދޫގައި ތިބި މަސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު އިބޫ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އައްޑޫއަށް ކުރައްވާ މިދަތުރުގައި ރައްޔިތުން މިވަގުތު ބޭނުންވެފައި ހުރި ކަންތައްތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ދިމާވާ ގޮންޖެހުންތައް ވެސް ސާފު ކުރެވިފައިވާ ކަމަށެވެ. އިބޫ ވިދާޅުވީ މަސްވެރިންގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ފާހަގަކުރި ކަމަށެވެ.
އެގޮތުން ބަނދަރުގެ ދަތިކަމާއި ޑައިވިން ކޮށްގެން އެން ހިފަންޖެހޭތީ އެދިމާވާ އެކްސިޑެންޓްތަކާއި، މަހަށް ހެޔޮ އަގު ނުލިބޭ ވާހަކަ އާއި، އައިސް ނުލިބޭ ވާހަކަ އާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ހުރިހާ ދަތިކަމެއް ހިއްސާ ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ދެން އައްޑޫއަށް ވަޑައިގަންނަވާ ދަތުރެއްގައި އަންނާނީ މިމައްސަލަތަކަށް ހައްލު ހޯދާނެ ގޮތުގެ ޕްލޭން ހިފައިގެން ކަމަށާއި، ހައްލު ކުރާނެ ގޮތުން ތަފްސީލް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހުށަހެޅި ކަންބޮޑުވުންތަކުގައި ހައްލު ނުހޯދޭނެ ކަމެއް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ. އެނގިވަޑައިގަންނަވާނެ އެމްޑީޕީގެ މެނިފެސްޓޯގައި އަދި ކޯލިޝަންގެ ތަސައްވުރުގައި މަސައްކަތްތެރި ކަމާއި، މަސްވެރިވެރިކަމާއި ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދީފައި އޮންނާނީ" އިބޫ ވިދާޅުވިއެވެ.
އެމްޑީޕީގެ 2008 ވަނަ އަހަރުގެ ވެރިކަމުގައި މަސްވެރި ކަމަށް ހާއްސަ ސަމާލުކަމެއްދިންކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިން ކަމަށެވެ. އެގޮތުން އޭރު 6ރ. 25ލ. އަށް ނުވަތަ 6ރ. 50ރ. އަށް މަހުގެ އަގު ހުއްޓައި އެމްޑީޕީގެ ސިޔާސަތުގެ ދަށުން މަހުގެ އަގު 35ރ. އާއި 38ރ. އަށް އަގު މަތިކޮށްދީފައިވާ ކަމަށެވެ.
އިބޫ ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އުނދޫތަކުގެ ތެރޭގައި ހައްލު ނުކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި، ކޯލިޝަނުން ގުޅިގެން ކުރާ މަސައްކަތުން ހައްލު ހޯދައި ހޯދޭނެ ކަމަށެވެ.
"ދެން ބޭނުންވާނީ އެއަށް ފައިސާ ހޯދާނެ ގޮތާއި އެއްޗެހި. އެއީ އަޅިގަނޑުމެން ކުރަންޖެހޭ ކަމެއް. ސަރުކާރަށް އަންނަ ބަޔަކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ފައިސާ ހޯދަންޖެހޭ ގޮތައް އޮންނަންޖެހޭނީ ރާވާފައި. އެރޭވޭނެ. ރާއްޖެއަކީ މުއްސަންދި އިގްތިސާދެއް އޮތް ތަނެއް. އަޅުގަނޑުމެން ޖެހޭނީ އެފައިސާ ނެރޭނެ އާ ގޮތްތައް ހޯދަން،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ތަފްސީލުކުރުމަށް ފަހު ރައްޔިތުންނަށް ހުރިހާ ކަމެއް ސާފުވެގެންދާނެ ކަމަށާއި، ކޯލިޝަން ސަރުކާރުން ރައްޔިތުންގެ އިތުބާރު ހިފަހައްޓާނެ ކަމަށެވެ.