ރައީސަށް ވަފާތެރިކަމާއެކު އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވާ ކަމަށް ފައިސަލް ނަސީމު ވިދާޅުވެޖެ އެވެ .
އައްޑޫ ސިޓީގައި ކުރިއަށްދާ ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓް ފައިސަލް ނަސީމު ވިދާޅުވީ، އެމަނިކުފާނުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި މަސައްކަތް ކުރައްވާނީ ގާނޫނު އަސާސީގެ ތެރެއިން ކަމަށެވެ.
ގާނޫނު އަސާސީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާއި އެކު މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ، މީހެއްގެ ގޮތް އެނގިގެންދާނީ އެމީހަކު ފަހަތުން އައިސްފާއިވާ ކަންތައްތަކުން ކަމަށާއި މީގެ ކުރިންވެސް ކުރިމަތިލި ހުރިހާ ކަމެއްވެސް ކުރައްވާފައިވަނީ އިހްލާސްތެރިކަމާއެކުގައި ކަމަށެވެ.
" އަޅުގަނޑު ދިވެހި ރައްޔިތުންނަށް ވައުދުވަނީ އަޅުގަނޑަކީ ތެދުވެރިކަމާ ވަފާތެރިކަމާއެކު އަޅުގަނޑު އެކުރާ ކަމެއް ކުރުން މަތީ ދެމި ހުންނާން. ގާނޫނު އަސާސީގެ ތެރެއަށް އަޅުގަނޑު ވަނީ ގާނުނު އަސާސީ ހެދުމުގެ މަރުހަލާގައިވެސް އަޅުގަނޑުގެ ކެނޑިޑޭޓަކާއެކު މަސައްކަތް ކޮށްފައި. އެހެންވީމާ އަޅުގަނޑު ގާނޫނު އަސާސީ ތެރެއިން ނުކުންނާނެ ދުވަހަކީ އަންނާނެ ދުވަހެއް ނޫން. އަޅުގަނޑު ކެނޑިޑޭޓާއިއެކު މަސައްކަތްކޮށް މިކަންތައް ކާމިޔާބު ކުރާނަން. އަޅުގަނޑުމެން މިއަދުވާ ވައުދުތަކެއް ފުއްދުމުގައި ސަރުކާރާއިއެކު ކެނޑިޑޭޓާއިއެކު އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހުންނާން."
ފައިސަލް ވިދާޅުވީ، ރައީސާއެކު ދިމާވާ ހުރިހާ ގޮންޖެހުންތަކެއް ހައްލު ކުރުމުގައި ދެމިހުންނާނެ ކަމަށާއި އެއްވެސް ހާލެއްގައި ރައީސާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.