ޕީޕީއެމް އަށް ތާއިދު ހޯދުމަށް ދޮރުން ދޮރަށް ހިނގި ނަމަވެސް "މަޑު އަރައި ބާރުވެފައި ހުރި ކަންފަތަކަށް އަޑެއް ނީވޭނެ" ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި ރަނިންގް މޭޓް ފައިސަލް ނަސީމަށް ތާއިދު ހޯދުމަށް މާލޭގެ ދޮރުން ދޮރަށް ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި އެމްޑީޕީގެ ހަރުގޭގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ދޮރުން ދޮރަށް ކެމްޕެއިން އަކީ 2008ގެ އިންތިހާބުގައި އެމްޑީޕީން ތައާރަފުކުރި ކަމެއް ކަމަށެވެ. މިކަމުގެ ބޭނުމަކީ ވެރިކަން ކުރަން ތައްޔާރުވާ ފަރާތުން ރައްޔިތުންގެ އަޑުއަހައި އިހްސާސްތައް ދެނެގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްއިން ވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރަން އުޅޭ ކަމަށާއި ނަމަވެސް ކާމިޔާބު ނުވާނީ، ކަންފަތުގައި މަޑުފުރިފައި ހުރުމުންނެވެ. މިފަދަ ހާލަތެއްގައި ތިއްބެވި ބޭފުޅުން ދޮރުން ދޮރަށް ހިންގެވިޔަސް ރައްޔިތުން ދަންނަވާނެ އެއްޗެއް ނޯންނާނެ ކަމަށާއި އެ ބޭފުޅުންގެ ކަންފަތް ހުރީ މަޑުން ފުރި ބާރުވެފައިކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުމަކަށް ކައިރިވެފައި ވާއިރު ވެސް، ރައްޔިތުންގެ އަޑު އެއްސެވުމަށް އެ މަނިކުފާނު ވެސް ވަޑައިނުގަންނަވާ އެތައް ރަށެއް ވެސް ހުރި ކަމަށް ޝާހިދު ވިދާޅުވި އެވެ.
މުލަކު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ރައީސް ޔާމީން ހުންނެވިއިރު ވެސް އެ އަތޮޅަށް ވަޑައިނުގަންނަވާ ކަމަށާއި ވެރިކަމުގައި ހުންނަވައިގެން އެ އަތޮޅަށް ވަޑައިގެންނެވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދާ ނުދެއްވައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ނަމަވެސް، ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުގައި ރައްޔިތުންގެ އަޑުއެހުމުގެ ގާބިލުކަން ހުރިކަމަށާއި ކެންޑިޑޭޓް އިބޫއަކީ އަޑުއެއްސެވުމަށް ކެރިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް، އެ މަނިކުފާނާއެކު ރައްޔިތުންގެ މަޖިލީހުގައި ގިނަ ދައުރުތަކެއް ހޭދަކުރެއްވި ޝާހިދު ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީތަކަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ވާނެކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވަމުންދާ އަނިޔާއާއި ޚިޔާނާތާއި ދެމުންދާ ގެއްލުން ވަރަށް އަވަހަށް ނިމޭނެކަމުގެ މަންޒަރު ޗާލުވަމުން އަންނަ ކަމަށެވެ.