އެމްޑީޕީގެ ވެރިކަމުގައި ހަފްތާ ބަންދުގައި އާއިލާ އާއިއެކު ދަތުރު ދިއުމަށް މާލެއާ ގާތުން ރަށެއް ހާއްސަކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ކޯލިޝަން ސަރުކާރަށް އެމްޑީޕީން ހުށަހަޅާފައިވާ މެނިފެސްޓޯގައި ވެފައިވާ ވައުދުގައި ބުނެފައި ވަނީ މާލޭގައި ދިރިއުޅޭ މީހުން ހަފްތާ ބަންދުގައި ދަތުރު ދިޔުމަށް މި ސަރަހައްދުން ރަށެއް ހާއްސަކޮށް އަދި، މާލޭގައި ހެދިފައި ހުރި ބީޗްތަކާއި ފަތާ ސަރަހައްދުތަކަކީ ސާފު ތަންތަނަށް ހަދާނެ ކަމަށެވެ. އެތަންތަން ބޭނުންކުރާ ކުޑަކުދިންނާއި އެންމެހާ ފަރާތްތަކަށް ސިއްހީ މައްސަލަ ދިމާނުވާ ތަންތަނަށް އެތަންތަން ހަދާނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވެ އެވެ.
މާލެ ސަރަހައްްދުގައި ދިވެހިން ދަތުރު ދިއުމަށް ހާއްސަކޮށްފައި އޮތް ކުޑަބަނޑޮހާއި ފޭދޫ ފޮނޮޅު ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާއިރު، މިއަތޮޅުގައި ހުރި ގިނަ އަދަދެއްގެ ފަޅުތައް ވެސް ވަނީ ރިސޯޓް ތަރައްގީކުރަން ދޫކޮށްފަ އެވެ.
މާލޭގެ ރައްޔިތުން ދަތުރުދާނެ ރަށެއް ނުބާއްވާ މި ސަރަހައްދުގެ ރައްތަކާއި ފަޅުތައް ދޫކޮށްލުމުން ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ.
މަޖާކޮށް ކުޅިވަރުކުޅެ މުނިފޫހި ފިލުވުމުގެ ފުރުސަތު ހުރިހާ އެންމެނަށް ހޯދައިދޭނެކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާއިރު، ކުޅިވަރު ކުޅޭ ތަންތަން ތަރައްގީކުރުމާއި އާބާދީއާ އެކަށޭނަ މިންވަރަށް ތަފާތު ގިނަ ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްގީކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ކުޅިވަރަށް ޝައުގުވެރިކަން ހުންނަ އެންމެނަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކުރެވިގެން އިޖްތިމާއީ މަރުކަޒުތައް ހަދާނެ ކަމަށާއި، އެކި ފަންނުތަކާއި ހުނަރުތައް ކުރިއެރުވުމަށް ބޭނުންވާ ވާސީލަތްތައް ގާއިމްކުރެވޭނެ ކަމަށް ވެސް މެނިފެސްޓޯގައިވެ އެވެ.
ކުޅިވަރުގެ ވަސީލަތްތައް ލިބުމުގައި އަންހެނުންނަށް އިތުރު ދަތިތަކެއް މެދުވެރިވާތީ މިކަމަށް ވެސް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށް ތަރުހީބުދީ ކަސްރަތުކުރުމަށް ބާރުއެޅުމަށްޓަކައި މަގުތަކާއި ޕާކުތަކާއި އާއްމު މައިދާންތައް ކަސްރަތުކުރާ މީހުންނާ ބީރައްޓެހި ނޫން މާހައުލުތަކެއް ގޮތަށް ފަރުމާކުރެވި ބައްޓަން ކުރާނެ ކަމަށާއި، މަގުތައް އަލިކުރެވި ކުށުގެ ވެށީން ރައްކާތެރިކަން ލިބިދޭ އަމާން ވެއްޓެއް ހޯދައިދޭނެ ކަމަށް ވެސް މެނިފެސްޓޯގައިވެ އެވެ.
މާލޭގެ ބަނދަރުމަތި ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތައް ފުއްދޭ ގޮތަށް އެ ސަރަހައްދު ތަރައްގީކުރާނެ ކަމަށާއި، ހަމައެކަނި ސަރުކާރުގެ ވެރިންގެ ބޭނުމަށް ބަންދުކުރެވިފައިހުރި ބައެއް ޖާގަތައް ހުޅުވާލާނެ ކަމަށް ވެސް އެމްޑީޕީން ވައުދުވެ އެވެ. ފަޅުތެރޭގެ ޖާގަ އިތުރުކޮށް ވަދެނުކުމެވާ ހުރިހާ އުޅަނދުފަހަރަށް ލުއިފަސޭހަކޮށްދެވޭނެ ކަމަށް މެނިފެސްޓޯގައިވެއެވެ.