ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ސުވާލު ކުރަން ބޭއްވި އިވެންޓުގައި ޒުވާނުން ބޭނުންވާ ސުވާލުތައް ނުކުރެވުނެވެ.
ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ޒުވާނުންނާ އެކު ޝަހީމް ބޭއްވި އިންވެންޓުގެ ނަމަކީ "އާސްކް ޝަހީމް"އެވެ. ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި އެ އިވެންޓުގައި ބޭނުންވާ ސުވާލެއް ކުރެވޭނެ ކަމަށް ބުނެ، ސަރުކާރުންނާއި ޕީޕީއެމުން ވަނީ އެ އިންވެންޓް ޕްރޮމޯޓްކޮށްފައިވެއެވެ.
ހުކުރު ދުވަހުގެ ރޭ 8:30ގައި ފަށާނެ ކަމަށް ބުނެ، ޕްރޮމޯޓް ކުރި އެ އިންވެންޓް ފަށާފައި ވަނީ ގަޑިއެއްހާއިރު ފަހުންނެވެ. އެ އިންވެޓް ލަހުން ފެށީ ބޭނުންވާ އަދަދަށް ޒުވާނުން އެތަނަށް ހާޒިރު ނުވުމުންނެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި އެ ރަސްމިއްޔާތަށް ޖަހާފައިވާ ގޮނޑިތައް ނުފުރިގެން، ބައެއް ގޮނޑިތައް އެތަނުން ނެގި މަންޒަރު ދަރުބާރުގެއަށް ދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައެއް މިނިސްޓްރީތަކުގެ އިދާރީ މުވައްޒަފުން ބައިވެރި ކުރުވި އެ އިންޓުގައި، ޝަހީމަށް ކުރަންޖެހޭ ސުވާލުތައް ހުރީ ލިސްޓުކޮށްފައެވެ. އެ ލިސްޓަށް ބަލައިގެން، އެތަނުން ބޭނުން ސުވާލެއް ކުރަން ވަނީ ފުރުސަތު ދީފައެވެ.
"އާސްކްޝަހީމް" އިވެންޓް އިންތިޒާމުކޮށްފައި ވަނީ އަމިއްލަ އިހްތިޔާރުގައި، އަމިއްލައަށް ބޭނުންވާ ސުވާލެއް އުފައްދައިގެން ޝަހީމާ ސުވާލު ކުރަން ބޭނުންވާ ޒުވާނުންނަށް ވަގުތުން ސުވާލު ނުކުރެވޭ ގޮތަށެވެ. އޭގެ ބަދަލުގައި އިނެވްޓުގައި ބައިވެރިވި ޒުވާނުންގެ އަތަަށް ދިން ކަރުދާސްކޮޅެއްގައި ބޭނުންވާ ސުވާލު ލިޔުމަށްފަހު، އިވެންޓް އިންތިޒާމު ކުރި ފަރާތްތަކަށް ދިނުމުން، ޕީޕީއެމަށް ފެންނަ ސުވާލެއް ކުރަން ފުރުސަތު ދީފައިވެއެވެ.
ސުވާލު ކުރަން ފުރުސަތު ދިން ޒުވާނުންގެ ތެެރެއިން ފަހަރަކު ތިން ޒުވާނަކު ސްޓޭޖަށް އަރައި، ޝަހީމާ ސުވާލު ކުރިއެވެ. އެގޮތުން 12 ވަރަކަށް ޒުވާނުން ވަނީ ޝަހީމާ ސުވާލުކޮށްފައެވެ.
"އާސްކް ޝަހީމް" އިވެންޓަކީ ޝަހީމް އަމިއްލައަށް ތައާރަފްވެ، ޒުވާނުންނާ އޮތް ގުޅުން ދައްކުވައި ދިނުމަށް ބޭއްވި އިންވެންޓެކެވެ. އެ އިންވެޓުގައި ދީނީ އަދި އިޖުތިމާއީ ގުޅުންތަކާ ގުޅޭ ގޮތުން ޝަހީމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.