ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިވަގުތު ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ މަސައްކަތެއް ކަމަށާއި ކާމިޔާބު އޮތީ އަތުޖެހޭ ހިސާބުގައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓަކަށް ޖުމްހޫރީ ޕާޓީން ކަނޑައެޅި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރަނިންގމޭޓު ކަނޑައެޅުމަށް ހުކުރު ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ބޭއްވި ސިއްރު ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން ދެއްކެވި މަގުގައި ތިބެގެން ދިވެހި ރައްޔިތުން މަސައްކަތް ކޮށްފިނަމަ ކާމިޔާބުއޮތީ އަތުޖެހޭ ހިސާބުގައި ކަމަށެވެ. ހިޔާލު ތަފާތު ބޭފުޅުންނާއި އެކުގައި މަސައްކަތް ކުރެއްވޭނެކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ތަފާތު ފިކުރުތަކާއި އެކު ގުޅިގެން މިކުރާ މަސައްކަތް ކާމިޔާބުކޮށް ގައުމަށް އަމާންކަން ގެނެވޭނެ ކަމަށެވެ.

"މިއީ ދިވެހި ރައްޔިތުންގެ މަސައްކަތެއް، މިއީ އެކަކު ދެމީހެއްގެ މަސައްކަތެއް ނޫން، މިއީ ހަތަރު ޕާޓީގެ ލީޑަރުންގެ މަސައްކަތެއް ވެސް ނޫން، ހަތަރު ޕާޓީގެ ލީޑަރުން މިއަދާ ހަމައަށް ކެނޑިނޭޅި އެތަށް ގުރުބާނީތަކެއް ވެވަޑައިގެން އެ ކުރެއްވި މަސައްކަތަކީ ދިވެހި ރައްޔިތުންނަންޓަކައި ކުރި މަސައްކަތެއް، އެއީ ހަތަރު ލީޑަރުންނަން އެބޭފުޅުންގެ އާއިލާއަށްޓަކައި އެބޭފުޅުން ކުރެއްވި މަސައްކަތެއް ކަމަށް ކާކުތޯ އޭ ގަބޫލުކުރާނީ އެގޮތުން އަޅުގަނޑުމެންނަށް އެ ދެއްކި މަގުގައި ތިބެގެން މަސައްކަތް ކޮށްފި ކަމަށްވާނަމަ އެއްވެސް ޝައްކެތް ނެތް ކާމިޔާބު އޮތީ އަތުޖެހޭ ހިސާބުގައި" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބޫ އާއިކު މަސައްކަތް ކުރައްވަން ލިބިލެއްވުމަކީ ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިބޫއާއި އެކު ވަރުގަދަ ކެމްޕެއިނެއް ކުރައްވާ އިންތިހާބުން ރައީސް ޔާމީން ބަލިކޮށް، ދިވެހި ރައްޔިތުން އެދޭފަދަ ގައުމެއް ހޯދައިދޭނެ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ މ. ކުނޫޒްގައި ނެގި ސިއްރު ވޯޓުގައި އެ ޕާޓީގެ ކައުންސިލްގެ 41 މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ފައިސަލް ހޮވިފައިވަނީ ކައުންސިލް މެމްބަރުންގެ 15 ވޯޓާ އެކީގައެވެ. އެ ޕާޓީގެ ފަރާތުން ރަނިންގމޭޓު ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ކުރިމަތިލައްވާފައެވެ. ޑރ. ހުސެއިން އަށް 2 ވޯޓު ލިބިފައިވާއިރު އަމީނަށް ލިބިފައިވަނީ 9 ވޯޓެވެ. އަދި އަލީ ހުސެއިންއަށް ލިބިފައިވަނީ 14 ވޯޓެވެ.

ފައިސަލް ވިދާޅުވީ ރަނިންގމޭޓެއްގެ މަގާމު ލިބުމަކީ އިއްތިފާގެއް ކަމަށެވެ. ފައިސަލް ދެކޭގޮތުގައި ރަނިންގމޭޓަކަށް އަލީ ހުސެއިންއަކީ މާ ގާބިލު ބޭފުޅަކަށްވެސް ވެދާނެ ކަމަށެވެ. މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބުކުރެވޭނީ ގައުމުގެ ތިއްބެވި ގާބިލް ބޭފުޅުން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑު މި ދަންނަވާލަނީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ހުރިހާ މެމްބަރުން އަލީ ހުސެއިންވެސް އަދި އެނޫން ދިވެހި ރައްޔިތުން ވެސް އަޅުގަނޑުމެންގެ ފަޅިއަށް އަރުއްވާ މި ގައުމަށްޓަކައި ހުރިހާ ރައްޔިތުންނަންޓަކައި ކުރާ މަސައްކަތް ކާމިޔާބުކުރުމުގެ ދަތުރު މިހާރު އަޅުގަނޑުމެން ފައްޓާ ހުއްޓުމެއްނެތި މާތް ﷲ އިރާދަކުރެއްވިއްޔާ ނޮވެމްބަރ 11 ވަނަ ދުވަހު ނުވަތަ ނޮވެމްބަރ 17 ވާ ދުވަހަކީ ރައްޔިތުން ބޭނުންވާ ގައުމު ރައްޔިތުންނާއި ހަވާލުކުރާ ދުވަހަށް ހެދުން" ފައިސަލް ވިދާޅުވިއެވެ.