ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންގމޭޓުގެ މަގާމަށް ކުރިމަތިލައްވައިގެން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހޮވިއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ މ. ކުނޫޒްގައި ނެގި ސިއްރު ވޯޓުގައި އެ ޕާޓީގެ ކައުންސިލްގެ 41 މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ފައިސަލް ހޮވިފައި ވަނީ ކައުންސިލް މެމްބަރުންގެ 15 ވޯޓާ އެކީގައެވެ.
އެ ޕާޓީގެ ފަރާތުން ރަނިންގްމޭޓު ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ކުރިމަތިލެއްވި އެވެ.
ޑރ. ހުސެއިން އަށް 2 ވޯޓު ލިބިފައިވާއިރު އަމީނަށް ލިބިފައި ވަނީ 9 ވޯޓެވެ. އަދި އަލީ ހުސެއިންނަށް ލިބިފައިވަނީ 14 ވޯޓެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކަނޑައަޅާ ރަނިންގ މޭޓަކު ނިންމުމަށް ޖޭޕީގެ ކައުންސިލްގައި ނަގާ ވޯޓުން، ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ކަމުގައިވީ ނަމަވެސް އެ ނަތީޖާ އެމަނިކުފާނު އަމިއްލަ ގޮތުންނާއި، އަދި އެމްޑީޕީން ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ޓުވީޓުގައި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.