ކުޑަކުދިންނަށް ހާއްސަ އުފެއްދުންތައް ވިއްކާ މަޝްހޫރު ޖޯންސަންސް ބޭބީގެ އުފެއްދުންތަކުން ކެންސަރަށް މަގުފަހިކޮށްދޭ ކަމަށް ނިންމައި 22 އަންހެނަކަށް 4.7 ބިލިއަން ޑޮލަރު ދޭން އެ ކުންފުނީގެ މައްޗަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ކޯޓުން އެގޮތަށް ނިންމާފައި ވަނީ އެ އަންހެނުންނަށް ކެންސަރު ޖެހިފައި ވަނީ ޖޯންސަންސް ބޭބީގެ ފުށުގައި އެކުލެވޭ އެސްބެސްޓޮސް ކިޔާ މާއްދާއެއްގެ ސަބަބުންކަން ސާބިތުވުމުންނެވެ. ކޯޓުން ފުރަތަމަ ނިންމީ ގެއްލުން ލިބުނު 22 އަންހެނުންނަށް 550 މިލިއަން ޑޮލަރު ދިނުމަށެވެ. އެހެން ނަމަވެސް އެ މީހުންގެ ހާލަތަށާއި ޖޯންސަންސް ބޭބީއަށް އަދަބެއް ދިނުމުގެ ގޮތުން ވަނީ އިތުރު 4.1 ބިލިއަން ޑޮލަރު ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އަމުރު ކޮށްފައެވެ. އެ 22 އަންހެނުންނަށް އޯވަރީގެ ކެންސަރު ޖެހިފައިވާއިރު، އޭގެ ތެރެއިން ހަ އަންހެނުން ވަނީ ކެންސަރާ ހަނގުރާމަ ކުރަމުން ދަނިކޮށް މަރުވެފައެވެ.
މި ވަގުތު ވެސް އެ ކުންފުންޏާ ދެކޮޅަށް ގާތްގަޑަކަށް 9000 މައްސަލަ އެކި ކޯޓުތަކުގައި ހިގަމުންދާ އިރު ޖޯންސަންސް ބޭބީ ކުންފުނިން ވަނީ އެ ކުންފުނީގެ އެންމެ މަގުބޫލު އުފެއްދުމާ މެދު އާންމުން މެދުގައި ޝައްކުތަކެއް އުފެދިދާނެތީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް ބުނެފައެވެ. އެ ކުންފުނިން ބުނީ އެ ފުށުގައި އެއްވެސް ވަރަކަށް އެސްބޮސްޓޮސް ނުހުންނާނެ ކަމަށާއި، އެ ފުށް ބޭނުންކޮށްގެން ކެންސަރު ނުޖެހޭނެކަން ކަށަވަރުކޮށްދޭ ކަމަށެވެ.
ދައުވާކުރި މީހުން ބުނީ އެ ކުންފުނީގެ ފުށުގައި އެސްބެސްޓާސް ހުރިކަން ފޮރުވުމަށް ފާއިތުވި 40 އަހަރު ވަންދެން އެ ކުންފުނިން ވަރަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ހަ ހަފްތާއަށް ދިގު ދެމިގެން ދިޔަ ޝަރީއަތްތަކުގައި ސިއްޚީ މާހިރުންނާއި ތަޖުރިބާކާރުން ވަނީ އެ ފުށުގައި އެ މާއްދާ ހުރި ކަމަށް ހެކި ބަސް ދީފައެވެ. ތަޖުރިބާކާރުން ބުނީ އެސްބެސްޓޮސްގެ މާއްދާއަކީ އެ ފުށުގެ މައި އެއް މާއްދާ ކަމަށެވެ.
ޖޯންސަންސް ބޭބީ ކުންފުނިން ބުނީ ކޯޓުގެ ނިންމުން އިސްތިއުނާފަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ކަމާ ބެހޭ މާހިރުން ވަނީ ކޯޓުގެ ނިންމުމުގެ ސަބަބުން ޖޯންސަންސް ބޭބީ އަށް ވިޔަފާރީގެ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށް ލަފާކޮށްފައެވެ.