ރައީސް ޔާމިންގެ ވެރިކަމުގައި އައްޑޫ ސިޓީގެ ރައްޔިތުން ދެކެމުން އައި އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހަދައި ދެވިފައި ނުވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫއަށް ވަޑައިގަތުމާއި ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި މޭޔަރު ސޯދިގް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ގާއިމްކުރި ކޮންވެންޝަން ސެންޓަރަކީ ވަރަށް މުހިންމު ބޭނުމެއްގައި އެޅިތަނެއް ކަމަށާއި، ނަމަވެސް އެތަން ރައީސް ޔާމިން ފަނާކޮށްލައްވާފައިވާ ކަމަށެވެ.
އައްޑޫ ރައްޔިތުން ޓާޝަރީ ހޮސްޕިޓަލެއް ބޭނުންވި ނަމަވެސް ކޮންވެންޝަން ސެންޓަރު ފަނާ ކޮށްލަން ބޭނުންނުވާ ކަމަށް ސޯދިގް ވިދާޅުވިއެވެ. އެނާ ވިދާޅުވީ އައްޑޫ ޓާޝަރީ ހޮސްޕިޓަލު އެޅުމަށްޓަކައި ވަކި ފަންޑެއް ހަމަޖެހިފައިވާއިރު ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަށް ބަދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިއީ ވެސް އައްޑޫ ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުމެއް ކަމަށެވެ. އަދި ވިދާޅުވީ ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލެއްގެ ސިފަ ނުޖެއްސޭނެ ކަމަށެވެ.
ސޯދިގް ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަން ނިމެންކައިރި ވެފައިވާއިރު އައްޑޫގެ ޓާޝަރީ ހޮސްޕިޓަލް ނުހުޅުވޭ ކަމަށާއި، ހުޅުވަނީ ވެސް ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ސާމާނެތް ނެތި ކަމަށެވެ.
"އައްޑޫއަށް ޓާޝަރީ ހޮސްޕިޓަލް ވަރަށް މުހިންމު. އެހޮސްޕިޓަލްއަށް އިންތިޒާރުކުރާތާ މިހާރު 5 އަހަރަށް ވުރެ ގިނަ ދުވަސްތައް މިވީ. އެންމެ ފަހުން މިހާރު ހޮސްޕިޓަލް ހުޅުވަން ނިންމާފަ އޮތީ ހުރިހާ ސާމާނެއް ނުހޯދާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތީ" ސޯދިގް ވިދާޅުވިއެވެ.
މޭޔަރު ސޯދިގް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ތާއީދު ރާއީސް ޔާމިނަށް ނުލިބޭނެ ކަމަށާއި، އައްޑޫގައި ކުރިއަށް ގެންދާ ކެންޕޭން ހަރަކާތުން އެކަނި ވެސް މިސަރުކާރަށް ތާއީދު ނެތްކަން ހާމަވާނެ ކަމަށް ސޯދިގް ވިދާޅުވިއެވެ.