ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިން މޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ލިބިފައިވާ ސްލޮޓުގައި ވާދަކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް އަށް ކޮށްފައިވާ ތާއިދު އަނބުރާ ގެންގޮސްފައިވާ ކަަމަށާއި ޖޭޕީގެ ކައުންސިލްގައި ނަގާ ވޯޓުގައި ކައުންސިލު މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްް ޖޭޕީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޖޭޕީގެ ކައުންސިލް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ލެއްވުމަށް ދަންނަވާ ކަމަށެވެ.
JP ge council membarunah vedhun. Runningmate kamah MP Faisal Naseemah alhugandu kuri thaeedhu anburaa genesfeemeve. Veemaa kurimathi lavvaafaivaa beyfulhunge terein JPge council membarunnah fenivadaigannavaa gothah rayyithunge vindhaa ehgothah vote levvumah alhugandu edhemeve.
— Qasim Ibrahim (@qasimibrahim) July 13, 2018
ގާސިމް މިގޮތަށް ޓްވީޓެއް ކުރައްވާފައި މި ވަނީ އެމަނިކުފާނު ތާއީދުކުރައްވަނީ ފައިސަލް ނަސީމަށް ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ. ފައިސަލް އަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވި ކަމަށް ގާސިމް ވިދާޅުވި ނަމަވެސް މީގެ ކުރިން ފައިސަލް އަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެއް ނުވެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރަނިންގ މޭޓުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނެވެ. މީގެ ކުރިން އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެ ޕާޓީގެ ނާއިބު ރައީސް އަބްދުﷲ މައުސޫމް އެ މަގާމަށް ކުރިމަތިލައްވާފައެއް ނުވެއެވެ. ޑރ. މައުސޫމް ވިދާޅުވީ ކުރިމަތިނުލެއްވީ ޕާޓީ ހިންގެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވުމަށްޓަކައި ކަމަށެވެ. މީގެ އިތުރުން ކުރިން މި މަގާމަށް އެކަށީގެންވާ ކަމަށް ޖޭޕީގެ ބައެއް ބޭފުޅުން ލަފާދެއްވި ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އަދި ކައުންސިލް މެންބަރު އާއިޝަތު ނަހުލާ ވެސް ވެސް ވަނީ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވެފައެވެ.
ހުކުރު ދުވަހު މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ހުރިހާ ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި ސިއްރު ވޯޓުލުން ހުކުރު ދުވަހުގެ ރޭ 21:00 ގައި ކުރިއަށް ދާނެ ކަމަށެވެ. އަދި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް 20:30 ގައި މިރޭ ކުރިއަށްދާނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ރަނިންގ މޭޓުގެ މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ތާރީހީ ސިއްރު ވޯޓުގައި ކައުންސިލްގެ 41 މެމްބަރަކު ވޯޓު ދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް ކުރީގެ ލީޑަރު ގާސިމަށް ވޯޓުގައި ބައިވެރިވަޑައެއް ނުގެންނެވޭނެއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކަނޑައަޅާ ރިނިންގ މޭޓަކު ނިންމުމަށް ޖޭޕީގެ ކައުންސިލްގައި ނަގާ ވޯޓު، ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ކަމުގައިވީ ނަމަވެސް އެ ނަތީޖާ އެމަނިކުފާނު އަމިއްލަ ގޮތުން އަދި އެމްޑީޕީން ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ޓުވީޓުގައި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ. ވޯޓުލުން ކުރިއަށް ދާނީ މިރޭ 9:00 ގައެވެ.