އދ. އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރީގައި ފާނަ މަސްވެރިކަން ކުރަން އުޅުނު "ޓާގެޓް" ނަމަކަށް ކިޔާ ދޯނިން މީހަކު ކަނޑަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މައުލޫމާތުދެއެވެ.
ޓާގެޓް ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ ފ. ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަޞީރެވެ. މިމީހާ ކަނޑަށް ވެއްޓުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުޝި ކުލައިގެ ފަޓުލޫނެކެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ހުކުރު ދުވަހުގެ 14:39 ހާއިރުއެވެ.
މި ހާދިސާގައި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއެކު ދަނީ މަސައްކަތްކުރަމުންނެވެ.
މި ސަރަޙްދުން ދަތުރުކުރާ ފަރާތްތަކުން، މި މީހާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.