ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނެރޭ ރަނިންގ މޭޓު ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ޑރ. އަބްދުﷲ މައުސޫމް ކުރިމަތިނުލައްވައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގ މޭޓުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ޖޭޕީގެ ރަނިންގ މޭޓް ކަމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ ހުކުރު ދުވަހުގެ ހަވީރު 04:00 އަށެވެ. މި މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި މައުސޫމް ކުރިމަތިލައްވާ ކަމަށް އަޑުތައް ފެތުރުނަމަވެސް، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައުސޫމް އެ މަގާމަށް ކުރިމަތިލައްވާފައެއް ނުވެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރަނިންގ މޭޓުގެ މަގާމަށް މިހާތަނަށް ކުރިމަތިލައްވާފައި ވަނީ ހަތަރު ބޭފުޅުންނެވެ. އެއީ ޖޭޕީގެ ނައިބް ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއެވެ.