ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ރަނިންގ މޭޓުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކޮންމެ ކެންޑިޑޭޓަކު ހޮވުނަސް އެ ނަތީޖާ ބަލައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކަނޑައަޅާ ރިނިންގ މޭޓަކު ނިންމުމަށް ޖޭޕީގެ ކައުންސިލްގައި ނަގާ ވޯޓުން، ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ކަމުގައިވީ ނަމަވެސް އެ ނަތީޖާ އެމަނިކުފާނު އަމިއްލަ ގޮތުން އަދި އެމްޑީޕީން ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ޓުވީޓުގައި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.
Riyaasee Inthikhaab gai JP ge faraathun kanda alhaa Running Mate aku ninmumah JP ge Council gai nagaa vote in, konme beyfulhaku kaamiyaabu kurehvinamaves enatheejaa MDP ves adhi alhugadu amilla gothunves balai gannaane. Hurihaa Candidatunnah Marhabaa.
— Mohamed Nasheed (@MohamedNasheed) July 13, 2018
ގުޅިފައިވާ ޕާޓީތަކުގެ ރަނިންގ މޭޓުގެ މަގާމަށް މިހާތަނަށް ހަތަރު ބޭފުޅުން ކުރިމަތިލައްވާފައިވާ އިރު އެއީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ. ޖޭޕީގެ ރަނިންގމޭޓް ކަމަށް ކުރިމަތިލުމުގެ ސުންގަޑި ހުކުރު ދުވަހުގެ ހަވީރު 4:00 އަށް ހަމަވާނެއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ތާރީހީ ސިއްރު ވޯޓުގައި، ކައުންސިލްގެ 41 މެމްބަރަކު ވޯޓު ދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ވޯޓު ލުން އޮންނާނީ މިރޭ 9:00 ގައެވެ.