އިސްލާމީ ވަޙްދަތު ގާއިމްކުރުމަށް ދެބަސްވުންތަކާއި އަރާރުންތަކާ ދުރުހެލިވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
އިސްލާމީ ވަޙްދަތާއި އެއްބައިވަންތަކަމުގެ މުހިންމުކަން މިމައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ވަޙުދަތު ހަރުދަނާ ކުރުމަށްޓަކައި ކީރިތި ޤުރުއާން ގޮވާލަނީ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ނަސްރު ދިނުމަށް މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އަޅައިލުމަށެވެ.
އިސްލާމީ ވަޙްދަތު ގާއިމްކުރުމަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ދެބަސްވުންތަކާއި އަރާރުންތަކާ ދުރުހެލިވާން ޖެހޭ ކަމަށާއި، އިސްލާމީ ވަޙްދަތާއި އީމާންކަމުގެ އުޚުވަތްތެރިކަން ގާއިމްކުރެވޭނީ އަމިއްލަ މަސްލަހަތުތަކާއި ދުންޔަވީ މަންފާތަކަށްވުރެ އުއްމަތުގެ މަސްލަހަތުތައް އިސްކުރެވިގެން ކަމަށް ޚުތުބާގައި ބުންޏެވެ.
ބަދުރު ހަނގުރާމައިގައި މާތްﷲ މުސްލިމުންނަށް ދެއްވި ނަސްރާއި ކާމިޔާބީ ވިދިގެން މުސްލިމުންގެ މެދުގައި ދެބަސްވުންތަކެއް އުފެދުނުކަން ފާހަގަކުރައްވައި ޙުތުބާގައި ބުނީ މިފަދަ ހާލާތުގައި މުސްލިމުން އަމަލު ކުރަން ޖެހޭނެ މިންގަނޑުތައް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ.
މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިވަނީ "ޣަނީމާ މުދަލާމެދު އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ޣަނީމާ މުދާ ވަނީ ﷲ އަށާއި، ރަސޫލާ އަށެވެ. ފަހެ، ﷲއަށް ތިޔަބައިމީހުން ތަގްވާވެރިވާށެވެ. އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިސްލާހު ކުރާށެވެ. އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވަށެވެ."
ހުކުރު ޚުތުބާގައި ބުނީ މިބަސްފުޅުން އެނގޭ ގޮތުގައި އަރާރުންވުމާއި ދެބަސްވުމާއި ދެމެދުގެ ގުޅުންތައް ގޯސްވެއްޖެނަމަ ވަރުގަދަ މީހާ ވެސް ބަލިކަށި ވެދާނެއެވެ. އަދި ނިކަމެތި މީހާ ހަލާކުވެދާނެއެވެ.
ޙުތުބާގައި ބުނީ އިސްލާމީ ވަޙްދަތަކީ ވަކި ސަގާފަތަކާ ނުވަތަ ވަކި ގައުމަކާ ނުވަތަ ވަކި ފަންތިއަކާ ނުވަތަ ވަކި ޖިންސަކާ ދެކޮޅަށް މުސްލިމުން އުފުލާ ޝިއާރެއް ނޫން ކަމަށެވެ. މިއީ ހެޔޮ ކަންތައްތަކަށް އަމުރު ކުރުމަށާއި، ނުބައި ކަންތައްތައް މަނާކުރުމުގެ ތަރަހައިގެ ތެރޭގައި އޮތް ކަމެކެވެ. މި ޝިއާރުގެ އަމާޒަކީ މާތް އުއްމަތެއް ބިނާކުރުމާއި އިސްލާމްދީނާ ގައުމު ދެކެ ލޯބިވާ ޖީލެއް ބިނާ ކުރުން ކަމަށް ޙުތުބާގައި ބުންޏެވެ.