ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ރަނިންގ މޭޓުގެ މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ތާރީހީ ސިއްރު ވޯޓުގައި، ކައުންސިލްގެ 41 މެމްބަރަކު ވޯޓު ދޭނެ ކަަމަށް އެ ޕާޓީން ބުނެފިއެވެ.
ޖޭޕީގެ ރަނިންގ މޭޓް ކަމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އަށެވެ. އެ އަށް ފަހު ރަނިންމޭޓްގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ތަރުތީބު ކުރާނެއެވެ. އަދި މިރޭ ބާއްވާ ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ވޯޓު ކަރުދާސްތައް ތައްޔާރު ކުރަން ފަށާނެއެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ކައުންސިލްގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ އެ ޕާޓީގެ ކޮންގްރެސް އިން އިންތިހާބު ކޮށްފައިވާ 15 މެމްބަރުންނާއި އަންހެނުންގެ ލީގުގެ ރައީސާ އާއި ޒުވާނުންގެ ލީގުގެ ރައީސްގެ އިތުރުން ޕާޓީގެ އިދާރީ ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ކަމަށެވެ. އިދާރީ ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ސެކަރެޓަރީ ޖެނަރަލާއި ޗީފް ސްޕޯކްސްޕާސަން އާއި ހަޒާންދާރުގެ އިތުރުން ރަޖިސްޓްރާއެވެ.
އަލީ ސޯލިހު ވިދާޅުވި ގޮތުގައި އެ ޕާޓީގެ އެކިއެކި ކޮމެޓީތަކުގެ މުގައްރަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކައުންސިލްގައި ނަގާ ސިއްރު ވޯޓުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެ މުގައްރިރުންނަކީ ކޮންގްރެސުން ކަނޑައެޅި ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރެވިފައި ނުވާތީވެ، މިހާރު ވެސް ހިނގަމުންދާ ކޮމެޓީތަކުގެ މުގައްރިރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނެވެ.
"ކޮންގްރެސްއިން ކަނޑައެޅި ކޮމެޓީތަކަށް ކުރިމަތިލުމަށް 150 ދުވަސް ވަނީ ދީފައި. އެ މުއްދަތު އަދި ހަމައެއް ނުވޭ. އެހެންވީމަ އެ ކޮމެޓީތައް ހިނގައިގަނެ މަސައްކަތް ކުރެވިފައި ނުވާތީ، މިހާރު ވެސް ތިބި ކުރީގެ ކޮމެޓީތަކުގެ ރައީސުން ކައުންސިލްގައި ބައިވެރިވެވަޑައިގެން ރަނިންމޭޓުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަނާވެނެ،" އަލީ ސޯލިހު ވިދާޅުވިއެވެ.
ޖޫމްހޫރީ ޕާޓީން ބުނި ގޮތުގައި ރަނިންގ މޭޓުގެ މަގާމަށް ކުރިމަތިލާ ބޭފުޅުންނަށް ވޯޓު ލުމުގެ ހައްގެއް، އެ ޕާޓީގެ ކުރީގެ ރައީސް އަދި ފައުންޑާ ގާސިމް އިބްރާހިމަށް ލިބިވަޑައިނުގަންނަވާނެއެވެ. ސަބަބަކީ ގާނޫނީ ގޮތުން އެމަނިކުފާނަށް އެ ޕާޓީގެ އެއްވެސް މަގާމެއް ނުފުރުއްވާތީ އާއި ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ ސަބަބުންނެވެ.
އަލީ ސޯލިހު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރަނިންގ މޭޓަކު ކަނޑައެޅުމަށް ހުކުރު ދުވަހު އެ ޕާޓީގެ ކައުންސިލްގައި ނަގާ ސިއްރު ވޯޓު ވެގެންދާނީ ތާރީހީ ވޯޓަކަށް ކަމަށާއި ޕާޓީގެ އަމިއްލަ މަސްލަހަތަށް ވުރެ، ގުޅިފައިވާ ޕާޓީތަކަށް ނަމޫނާއެއްގެ ގޮތުގައި ގައުމީ މަސްލަހަތަށް ނިންމާނެ ނިންމުމަކަށް ވެގެންދާނެ ކަމަށެވެ.
"އިދާރަ ކުރެއްވިއްޔާ ވަރަށް އަމާންކަމާއި އޮމާންކަމާއެކު ވޯޓު ނެގިގެންދާނީ. މި ވޯޓަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކަނޑައެޅުމަށްޓަކާ ގުޅިފައިވާ ހަތަރު ޕާޓީގެ މަސްލަހަތު ހިމެނޭ ގޮތަށް ގައުމީ މަސްލަހަތަށް ބަލައި ނިންމާ ނިންމުމެއް. މި ވޯޓަކީ އަނިޔާވެރިކަން ނިންމަން ކޮށާ މަގު،" އަލީ ސޯލިހު ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރަނިންގ މޭޓުގެ މަގާމަށް މިހާތަނަށް ކުރިމަތިލައްވާފައި ވަނީ ހަތަރު ބޭފުޅުންނެވެ. އެއީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ.