އެމްޑީޕީގެ ވެރިކަމުގައި ދަނޑު ހައްދަން ބިން ނެތް ރަށްރަށުގެ ކައިރިން ފަޅު ރަށްރަށުގައި އެގްރިދަނޑުތައް ހަދައިދިނުމަށް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ކޯލިޝަން ސަރުކާރަށް އެމްޑީޕީން ހުށަހަޅާފައިވާ މެނިފެސްޓޯގައި ވެފައިވާ ވައުދުގައި ބުނެފައި ވަނީ ޖާގަ އޮތް ކޮންމެ ރަށެއްގައި އެގްރިދަނޑު އެޅި ފަސޭހައިން ދަނޑުވެރިކަން ކުރާނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށާއި، ޖާގަ ނެތް ރަށްށާއި ކައިރިން ފަޅުރަށްރަށުގައި އެގްރިދަނޑު އަޅައިދީ ކައިރި ރަށްރަށުގެ ރައްޔިތުންނަށް ހުޅުވާލައިދޭނެ ކަމަށެވެ.
އެމްޑީޕީން ބުނީ ކުށްޔަށްދޭ މިއެގްރި ދަނޑުތަކުން ފެން، ކަރަންޓް، މުޑުވައް، ގަސްކާނާ އަދި ދަނޑުވެރިކަން ކުރަން ބޭނުންވާ އެކި ވަސީލަތްތައް ލިބޭނެ ކަމަށާއި، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި ފަސޭހައިން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.
ރާއްޖޭގައި އުފެއްދެން ހުރި ތަކެތި ދެނެގަނެ އެތަކެތި އުފެއްދުމަށް މަސައްކަތް ކުރާނެކަން ފާހަގަކޮށް އެމްޑީޕީން ބުނީ ފެނުގައި ދަނޑުވެރިކަން ކުރާނެ ހައިޑްރޯޕޮނިކްސް ނިޒާމްތައް ހެދުމަށް ލުއި ލޯން ދޫކުރާނެ ކަމަށެވެ.
އެމްޑީޕީން ބުނީ ރަށުގައި ހައްދާ ތަރުކާރީ އާއި މޭވާ އަދި އެހެނިހެން ތަކެތި ހަލުއިކަމާއި ތާޒާކަމާ އެކު ބާޒާރު ބަނދަރުތަކާއި ރިސޯޓުތަކަށް ފޯރުކޮށްދޭން ޚާއްސަ ކުރެވިފައިވާ އެގްރިބޯޓު ތައާރަފް ކުރާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުފައްދާ ތަކެތި ގެއްލިގެން ނުދާ ގޮތެއްގައި އޭގެ އާމްދަނީ ދަނޑުވެރިންނަށް ފުރިހަމައަށް ލިބިދިނުމަށްޓަކައި ރަނގަޅު އަގެއްގައި މިތަކެތި ގަންނާނެ ގައުމީ ކޯޕްރަޝަނެއް ގާއިމްކުރާނެ ކަމަށެވެ.
"އުތުރާ ދެކުނުގައި އެގްރިސެންޓަރުތައް ގާއިމްކުރެވި ޒަމާނީ މުއާސަލުގެ ނިޒާމަކުން ދަނޑާއި އެގްރިސެންޓަރުތައް ގުޅާލެވޭނެ" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ރާއްޖޭގައި ހައްދާ ތަކެތި ތާޒާކަންމަތީގައި ރާއްޖޭގެ ފިހާރަތައް ރިސޯޓުތައް ރެސްޓައުރެންޓްތައް އަދި މާރުކޭޓްތަކަށް ލިބިދޭނެ ގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން އުތުރާއި ދެކުނުގައި އެގްރިސެންޓަރުތައް ގާއިމްކުރެވި ޒަމާނީ މުއާސަލާތުގެ ނިޒާމަކުން ދަނޑާއި އެގްރިސެންޓަރުތައް ވެސް ގުޅާލަދޭނެ ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި މިހާރަށް ވުރެ ލުއި ފަސޭހަގޮތެއްގައި އުފައްދާ ތަކެތި ހަލާކުނުވަނީސް އެކުގައި ވިއްކާ ހުސްކޮށް ވަގުތުން އެތަކެއްޗަށް ފައިސާ ލިބޭނެ ދަނޑުވެރިކަމެއް ގާއިމް ކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެފައި ވެއެވެ.
މިސިޔާސަތުގެ ދަށުން ޒަމާނީ އެގްރިދަނޑުގައްޔާއި ގޯތިގޯތީގައި ހެއްދޭ ދަނޑުގޮވާމުންނާއި ހައިޑްރޯޕޯނިކްސް ސިސްޓަމްތަކުން އުފައްދާ ފެހިކާނާ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަޖެހިފައިވާ އެގްރިބޯޓު މެދުވެރިކޮށް ފޯރުވައި އެތަކެތި ވިއްކޭނެ ސެންޓަރު ގާއިމްކުރާނެ ކަމަށް މެނިފެސްޓޯގައި ވެއެވެ.
މެނިޒަމާނުއްސުރެ ރާއްޖޭގެ ދަނޑުވެރިކަމުގައި ނަގާކިޔާފައިވަނީ އަންހެނުންކަން ފާހަގަކޮށް އެމްޑީޕީން ބުނީ މިއަގުނުކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކޮށް އެގްރިވިޔަފާރީގެ އެންމެ ބޮޑު ފައިދާ ނެގުމަށްޓަކައި ދަނޑުވެރި އަންހެނުންނަށް ހާއްސަ އިނާޔަތްތަކެއް ތައާރަފް ކުރާނެ ކަމަށެވެ.
"އެގްރިވިޔަފާރީގެ އެންމެ ބޮޑު ފައިދާ ނެގުމަށްޓަކައި ދަނޑުވެރި އަންހެނުންނަށް ޚާއްސަ އިނާއަތްތަކެއް ތައާރަފްކުރެވޭނެ" އެމްޑީޕީގެ ވައުދުގައި ވެއެވެ.
އެމްޑީޕީން ބުނީ ހުނަރު ޕްރޮގްރާމްގެ ދަށުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިންގާ ދަނޑުވެރިކަމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ދިވެހި ދަނޑުވެރިން ބައިވެރިކޮށް ތަމްރީން ކުރާނެ ކަމަށާއި، ދަނޑުވެރިކަން އަލަށް ފަށާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ލޯނު އެހީ ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދަނޑުވެރި އަންހެނުންނަށް ޚާއްސަ މާލީ އެހީތެރިކަމާއި ލުއި ލޯނު ސްކީމެއް ތައާރަފް ކުރާނެ ކަމަށެވެ.