ގިނަ ވޯޓުތަކަކާ އެކު ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވާނެ ކަމަށް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޖޭޕީން ކަނޑައަޅާ ރަނިންގ މޭޓަކު ހޮވުމަށް ހުކުރު ދުވަހުގެ ރޭ ބާއްވާ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ފައިސަލް ވިދާޅުވީ މިއަދުގެ ހާލަތާއި ވަގުތަށް ބަލާއިރު ކޯލިޝަންގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ އެކު މަސައްކަތް ކުރައްވާނެ ރަނިންގ މޭޓަކަށް އޭނާ ކަނޑައަޅައިފި ނަމަ ރައީސް ޔާމީންގެ ސަރުކާރު ބަލިކުރެވޭނެ ކަން ޔަގީންކުރެވޭ ކަމަށެވެ. އަދި ރަނިންގ މޭޓަކަށް ޖުމްހޫރީ ޕާޓީން ކަނޑައަޅާ ބޭފުޅަކާ އެކު ސާބިތުކަމާ އެކު މަސައްކަތްކޮށް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކޮންމެ ގުރުބާނީއެއް ވެސް ވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"މިއަދުގެ ހާލަތާ ވަގުތަށް ބަލާއިރު، ކޯލިޝަންގެ ކެނޑިޑޭޓާ އެކު އަޅުގަނޑު ރަނިންގމޭޓަކަށް ހުރެއްޖެ ނަމަ ޔާމީންގެ ސަރުކާރު ބަލިކުރެވޭނެކަން ޔަގީންކުރެވެނީ،" ރައްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ފުރުސަތު ދީފި ނަމަ ކާށިދޫ ދާއިރާ އަދި ފުވައްމަލު ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ ވޯޓުތަކެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވޭތެވެދިޔަ އަހަރުތަކުގައި ތަފާތު އެކި ފިކުރުތަކުގެ ރައްޔިތުންނާ އެކު ބޭއްވި ގާތްގުޅުމާއި، ކުރުވުނު މަސައްކަތްތަކުގެ ސަބަބުން އެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ޖެޕީގެ ކައުންސިލުން މި ފުރުސަތު ދެއްވައިފި ނަމަ އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ގިނަ ހިސާބުތަކަކުން ކާށިދޫ ދާއިރާ އަދި ފުވައްމުލަކު ހިމެނޭ ގޮތަށް ގިނަ ވޯޓުތަކެއް ލިބޭނެ. އެއީ ވޭތެވެދިޔަ 25 ވަރަކަށް އަހަރު ތަފާތު އެކި ފިކުރުތަކުގެ ރައްޔިތުންނާއި އެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުން، އަދި ކުރެވުނު މަސައްކަތް، އަޅުގަނޑުގެ މަސައްކަތް ބަލައިގަންނާނެ ކަން ޔަގީން،" ދެއްވަމުން ފައިސަލް ވިދާޅުވިއެވެ.
ފައިސަލްގެ އިތުރުން ރަނިންގ މޭޓު ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ އިތުރުން އަބްދުﷲ އަމީން ވެސް ވަނީ ކުރިމަތިލައްވާފައެވެ. ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ރަނިންގމޭޓު ކަނޑައަޅާނީ ހުކުރު ދުވަހުގެރޭ އެޕާޓީން ބާއްވާ ކައުންސިލްގެ ބައްދަލުވުމުނެވެ. މި ބައްދަލުވުން ބާއްވާނީ މިރޭ 9:00 ގައެވެ.