ދިވެހިރާއްޖެއަށް ރަލާއި އޫރުމަސް އެތެރެވުމަކީ އެމަނިކުފާނު އޭގެ ތެރެއަށް ވަންނަން ޖެހޭކަމެއް ނޫންކަމަށާއި އެއީ އިގްތިސާދީ ކަމެއްކަމަށް ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ހިނގާ ކަންކަމާ ބެހިނުލައްވާކަމަށާއި ދުނިޔޭގެ ހުރިހާ ތަންތަނެއްގައިވެސް އޫރުމަސް ހުންނަ ކަމަށެވެ. ރަލާއި އޫރުމަސް އެތެރެ ވެފައި ހުރީ އެތަކެތި ދުނިޔޭގައި ހުރުމުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ދުނިޔޭގެ ހުރިހާ ތަންތަނެއްގައިވެސް އޫރުމަސް ހުރޭ. ހުރޭ އެއީ ކެއުމަށް ﷲ މުސްލިމުންނަށް ހަރާމް ކުރައްވާފައިވާ ކަމެއް.މުސްލިމުން އެކަންކަމާ ދުރުވާންޖެހޭނެ. ރާއްޖޭގެ އިގްތިސާދު ހިމެނޭ ކަންތައްތަކުގެ ތެރެއަށް އަޅުގަނޑު ނުވަންނާނަން. އަޅުގަނޑު ވަންނަން ޖެހޭކަމެއް ނޫން އެއީ" ޝަހީމް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރަކަށް ހުންނަވައި އިސްތިއުފާ ދެއްވީ އެޕާޓީން އިސްލާމްދީނާއި ޚިލާފު ކަންތައްތަކަށް މަގުފަހި ކުރުވާތީކަމަށް ޝަހީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާއްޖެއަށް ރަލާއި އޫރުމަސް އާންމުކުރަން އެމްޑީޕީގެ ސަރުކާރުން އުޅުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެމްޑީޕީގެ ސަރުކާރުން ދެއްތޯ އެކަންތައް ކުރީ. އޭރު ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ހުރީ އަޅުގަނޑު. އެކަންކަމާހުރެ ހިތްހަމަ ނުޖެހިގެން އަދާލަތު ޕާޓީގެ ތެރެއިން އަޅުގަނޑު އިސްތިއުފާ ދިނީ އޭރުގެ ސްޓޭޓް މިނިސްޓަރު ކަމުން. އޭރު ބަނގުރާ އާންމު ކުރުމަށް މަސައްކަތް ކުރަމުންދިޔަ، އަރަބި އިސްލާމް ނައްތާލައި އަރަބި ގައުމުތަކަށް ކިޔަވަންދާތީ މައްސަލަ ޖެހުނީ..." ޝަހީމް ވިދާޅުވިއެވެ.
ތުބުޅި ނުބާލައިގެން ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް މީހަކު ވަޒީފާއިން ވަކި ކޮށްފައި ނުވާނެކަމަށާއި އެއީ "ތެދެއް" ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިގޮތަށް ވިދާޅުވިއިރު މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުއައްޒަފުން 2016 ވަނަ އަހަރު ވަޒީފާއިން ވަކިކޮށްފައިވަނީ އިމިގްރޭޝަންގެ ޔުނީފޯމް ގަވާއިދަށް ފެއްތުމަށްޓަކައި ތުބުޅި ކުރުކޮށް ފަޓުލޫނުގެ ދިގުމިން ރަނގަޅުކުރަން އިމިގްރޭޝަނުން އެންގި އެންގުމަށް އަމަލުނުކުރި ކަމަށް ބުނެއެވެ. މިކަމާއި ގުޅިގެން ގިނަ ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް މިސަރުކާރަށް އަމާޒުވެސްވިއެވެ.
ޝަހީމް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ދީނީ ކަންތައްތަކުގައި ކުޅަދާނަ ވީ ވަރަކުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށެވެ.