ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަދު ދުއާ ކުރެއްވި މައްސަލާގައި ދެ ބޭފުޅުން ވެސް "މިހާރު ހިތްސާފު" ކަމަށް ވިދާޅުވެ، އެކަމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މައާފަށް އެދިވަޑައިގެންފިއެވެ.
ދެހާސްތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އދ. މަހިބަދޫގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވެފައި ވަނީ ވެރިކަމެއް ބަދަލު ކުރަން ހަމަކައެކަނި ދުއާ ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން ސަޖިދައިގައި، އޮންނަވައި ކުއްތާތަކުގެ ތެރެއިން ކުއްތާއެއް ފާޅުކުރެއްވުމަށް އެދި ރަސޫލާ ކުރެއްވެވި ދުއާ ނަޝީދުގެ މައްޗަށް ކުރެއްވި ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ޝަހީމް ވިދާޅުވީ އެ މައްސަލާގައި ދެ ބޭފުޅުންގެ "ހިތްސާފު" ކަމަށާއި އެކަމާ ގުޅިގެން ހިތަށް ދަތިތަކެއް ކުރިމަތިވާ މީހުންގެ ކިބައިން ވެސް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އެ ބޭފުޅުންގެ ހިތްޕުޅަށް ދަތިކަމެއްގެ ގޮތުގައި އެކަން ވާނަމަ، އެ ބޭފުޅުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން. އެކަމަކު އަޅުގަނޑަށް ކުރިމަތިވި ހާދިސާ އާއި ހިތްދަތިކަމާއި ހިތާމަތައް، އާއިލާއަށް ދިމާވި ކަންތައްތައް، އެއީ ކޮންމެ މީހަކަށް ވެސް ކުރިމަތިވެއްޖެ ކަމުގައިވާނަމަ، އެ މީހެއްގެ ހިތަށް ވެސް އެއީ 'އާތިފިއްޔަތު' އިސްވެގަންނާނެ. އެފަދަ ބޭފުޅަކު ވާނަމަ، އެ ބޭފުޅެއްގެ އަރިހުން މައާފަށް އެދެން. އެކަމާ ގުޅުން ހުރި ފަރާތްތަކާ ވެސް އަޅުގަނޑު ވާނީ ވާހަކަ ދައްކާފައި،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނެވިއިރު ރައީސް ނަޝީދު އޭނާއަށް ގުޅުއްވިއެވެ. އަދި އެކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފަހުން ޝަހީމް ވިދާޅުވީ އެ ފޯނު ކޯލުގައި ބަދު ދުއާ ކުރެއްވި މައްސަލާގައި ދެބޭފުޅުން ވާހަކަފުޅެއް ނުދައްކަވާ ކަމަށެވެ.
"އަޅުގަނޑުގެ ފަރާތުން ވެސް ވާނީ ހިތްސާފު ކުރެވިފައި. އެމަނިކުފާނުގެ ފަރާތްޕުޅުން ވެސް ހިތްސާފު ކުރެއްވި ކަމަށް އަޅުގަނޑު ގާތު ވިދާޅުވި. އޭރުގަ. އެކަން އެ އޮތީ ނިމިފަ. އެ ވާހަކަތަކަަކީ އަލުން ތަކުރާރު ވާނެ ވާހަކަތަކެއް ނޫން،" ޝަހީމް ވިދާޅުވިއެވެ.
ބަދު ދުވާ ކުރުމަކީ ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ގަބޫލު ކުރައްވަންތޯ ފަލަސުރުހީ ޕްރޮގްރާމްގެ ޕްރެޒެންޓަރު މިއުވާން މުހައްމަދު ސުވާލު ކުރުމުން ޖަވާބުގައި ވިދާޅުވީ އެކަން އެގޮތަށް ކުރެވުނީ އޭނާއަށް ކުރިމަތިވެގެން ދިޔަ ތަފާތު ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އިންސާނުންނަށް ހާލަތުތަކެއް އަންނާނެ ކަމަށާއި އޭނާއަށް ކުރިމަތިވި ހާލަތަކީ "އާތިފިއްޔަތު"ގެ ހާލަތު ކަމަށެވެ.
"އިންސާނުންނަށް އަންނާނެ އާތިފީ ހާލަތްތައް. އަމިއްލަ ނަފްސުގެ މައްޗަށް އާތިފިއްޔަތު އިސްވެގަންނަ ވަގުތު. އެކަންކަން މެދުވެރިވެގެން އައީ ހަގީގަތުގަ، ކުރިމަތިވެގެން ދިޔަ ތަފާތު ކަންތައްތަކެއްގެ ސަބަބުން. މާލޭ މަގުމަތީގަ ދިމާކުރުމާއި އެއްޗެތި ގޮވުމާއި އަޅުގަނޑުގެ ކުދިންނަށް ވެސް އާއިލާއަށް ވެސް، ވަރަށް ގިނަ ދަތިތައް، އަޅުގަނޑަށް މެދުވެރިވެގެންދިޔަ. އެ މާޒީގެ ތެރެއަށް ގޮސް، އެ ނަފުރަތު އަލުން އަނބުރާ، ގޮސް، އަލުން އަނބުރާ ރުޖޫއަ ކުރަން އަޅުގަނޑު ބޭނުމެއް ނޫން،" ޝަހީމް ވިދާޅުވިއެވެ.
ނަޝީދަށް ބަދު ދުއާ ކުރެއްވި މައްސަލަ އަލުން ދައްކަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ދެން އަލުން ތަކުރާރު ނުކުރެއްވުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.