ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކަ އަޑުއިވިވަޑައިނުގަންނަވާކަމަށާއި، ރަނިންގމޭޓްކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެއިން އެއްވެސް ކަމަކާއި ބެހޭ ގޮތުން ރައީސް ޔާމީންއާއި ސުވާލު ނުކުރައްވާކަމަށް އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ބުރާސްފަތި ދުވަހުގެރޭ ކުރެވުނު ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ޝަހީމް ވިދާޅުވަމުން ގެންދެވީ ސުވާލު ކުރެވުނު ދާއިރާގެ ކަމާއި ބެހޭ އޮފީހަކުން ނުވަތަ އެކަމާއި ގުޅުން ހުރި އެހެން މީހަކާއި ސުވާލުކުރުމަށެވެ. ޝަހީމް ވަޒީރުކަމުގައި ހުންނަވަނިކޮށް އަނބިކަނބަލުން ބޭރުގެ މީހަކާއިއެކު ވިޔަފާރި ކުންފުންޏެއް ހެދި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ހިސާބަށް ދިޔަ މައްސަލައިގައި ސުވާލުކުރުމުން އެކަމާއި ބެހޭ ގޮތުން ޕީޖީއާއި ސުވާލުކުރެއްވުމަށް ވިދާޅުވިއެވެ.
ޝައިޚް އިމްރާން އަބްދުﷲ ހައްޔަރުކުރެވުނު މައްސަލައިގައިވެސް އަދި ހުކުމްކުރުމުގެ މައްސަލައިގެ އިތުރުން ކާނަލް ނާޒިމްގެ މައްސަލައިގައިވެސް ޕީޖީއާއި ފަނޑިޔާރުގެއާއި އެކަމާއި ބެހޭ ގޮތުން ސުވާލުކުރުމަށް ދެންނެވިއެވެ. މީގެ އިތުރުންވެސް ރައީސް ޔާމީންގެ ސަރުކާރުގެ ގިނަ ސިޔާސަތުތަކަކާއި ބެހޭ ގޮތުން ސުވާލުކުރުމުން އެކަންކަމާއި ބެހޭ ގޮތުން އެމަނިކުފާނުގެ ޚިޔާލު ފާޅުކުރެއްވުމަށް ދެކޮޅު ހެއްދެވިއެވެ.
ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ޝަހީމް ކުރުކޮށް ވިދާޅުވީ އެކަމާއި ބެހޭ ގޮތުން އެހެން އިދާރާތަކާއި ސުވާލުކުރުމަށެވެ.
ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ވަނީ ޤައުމުގެ ނައިބު ރައީސްކަމުގެ މަޤާމާއި ހަވާލުވާން މަސައްކަތްކުރައްވާ ބޭފުޅަކު ރައްޔިތުން އަހަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ނުދެއްވާ، އެއިން ރެކިވަޑައިގަންނަވަން މަސައްކަތްކުރެއްވުމުން އެމަނިކުފާނު ވޯޓު ހޯއްދަވަން ރައްޔިތުންގެ އަރިހަށް ވަޑައިގެން ދައްކަވާނީ ކޮން ވާހަކައެއްތޯ ސުވާލު ކޮށްފައެވެ.