ރައީސް އަބްދުﷲ ޔާމީން ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނޫ އަސާސީ އޮޅާލާފައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ ) ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ "ހުވަދޫ އަޓިގެޔާ" ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޒަމާންތަކަށް ފަހު 2008 ވަނަ އަހަރު ދިވެހި ރައްޔިތުން ހޯދި ފެހި ގާނޫނު އަސާސީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ "އޮޅާލާފަ" ކަމަށެވެ. ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއި އެކު 2008 ވަނަ އަހަރު ބާރުތައް ވަކިކުރެވިފައި އޮތް މިނިވަންކަން ރައްޔިތުންނަން ކަށަވަރު ކުރެވުނުކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ މިއަދު ގާނޫނު އަސާސީގެ ބޭނުން ވަނީ ކެނޑިފައި ކަމަށެވެ.
ޒަމާންތަކަކަށް ފަހު 2008 ވަނަ އަހަރު އަޅުގަނޑުމެން ގާނޫނޫ އަސާސީއެއް ލިބިގަތީމު، ބާރުތައް ވަކިކުރެވިފައި އޮތް މިނިވަންކަން އަޅުގަނޑުމެންނަން ކަށަވަރުކޮށްދިން ގާނޫނު އަސާސީއެއް އަޅުގަނޑުމެން ރައްޔިތުން ބަލައިގަތީމު، އެހެން ނަމަވެސް މިއަދު އެ ވަނީ އޭގެ ބޭނުން ކެނޑިފަ، މިއަދުގެ ވެރިކަމުގެ ފަރާތުން ގާނޫނު އަސާސީ ވަނީ، އަޅުގަނޑު ދަންނަވާނީ އޮޅާލާފައޭ، މިއަދު އަނެއްކާވެސް އަޅުގަނޑުމެން މި ޖެހުނީ އެ މަސައްކަތް އަލުން ފަށަން، ބުރަ މަސައްކަތެއް، އެހެން ނަމަވެސް އަޅުގަނޑުމެން އެކުގައި ފެށި މަސައްކަތް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނަން" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގާނޫނު އަސާސީއިން ދިވެހި ރައްޔިތުންނަން ލިބިދީފައިވާ ޙައްގުތަށް ކަށަވަރު ކުރުމަށް އަނެންކާ ވެސް މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. އިސްލާހީ މަސައްކަތް އަލުން ފަށަން ޖެހުމަކީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށެވެ.
އެމްޑީޕީ މިހާތަނަން ކުރަމުން އައި އިސްލާ މަސައްކަތުގައި ހުވަދު އަތޮޅު ރައްޔިތުން އެންމެ ކުރީ ސަފުގައި ސާބިތުކަމާއި އެކުގައި މަސައްކަތް ކުރެއްވި ކަމަށް މާލޭގައި ހުވަދު އަތޮޅަށް ހާއްސަކޮށްގެން ހުޅުވި ޖަގަހައިގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ. އަދި މި އިންތިހާބު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެ މަސައްކަތް ކުރާނެ އެއްތަނަކީ ހުވަދު އަތޮޅުގެ ޖަގަހަ ކަމަށް އިބޫ ވިދާޅުވިއެވެ.
"އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަން ކުރަމުން އައި އިސްލާހީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި އަބަދުވެސް ހުވަދު އަތޮޅުގެ ރައްޔިތުން ސާބިތުކަމާއި އެކީ ތަމްސީލްކޮށްދިން މަސައްކަތްތަކަކީ މިއަދު ވެސް ފަހުރުވެރިކަމާއެކީގައި، އަޅުގަނޑުމެން ފަހުރުވެރިކަމާއި އެކީގައި ފާހަގަކުރަންޖެހޭ ކަމެއް" މާލޭގައި ދިރިއުޅުއްވާ ހުވަދު އަތޮޅުގެ ރައްޔިތުންނާއި މުޙާތަބުކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.
ހުވަދޫ އަޓިގެޔާ ނަމުގައި މާލޭގައި ދިރިއުޅޭ ހުވަދޫ ރައްޔިތުންނަން ހާއްސަކޮށްގެން ހުޅުވި ޖަގަހަ ހުންނަނީ މ. ދޮންވެލިގޭގައެވެ. ރިޔާސީ އިންތިހާބުގައި ހުވަދު އަތޮޅުގެ ކޯޑިނޭޓަރެއްގެ ގޮތުގައި އެމްޑީޕީން ހަމަޖައްސަވާފައި ވަނީ އެމްޑީޕީ ސަރުކާރުގެ ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމެވެ. ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި ހުވަދު އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަ ކޮށްލެވެއެވެ.