ބޭރުގެ ކުންފުންޏަކާއި އެކު ރަނުގެ ވިޔަފާރީގެ މުއާމަލާތެއްގައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ އެއްވެސް ބޭފުޅަކު މުއާމަލާތްކޮށްފައި ނުވާނޭ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އެމަނިކުފާނާއި އާއިލާގެ އެއްވެސް ބޭފުޅެއް އެފަދަ ވިޔަފާރިއެއް ކޮށްފައި ނޯންނާނޭ ކަަމަށެވެ.
"އަޅުގަނޑަކީ ވަރަށް ނަޒާހަތްތެރި ތާރީޚެއް އޮތް މީހެއް. ބޭރުގެ ފަރާތަކާއި އެކު ވިޔަފާރީގެ އެފަދަ މުއާމަލާތެއް ކޮށްފައެއް ނޯންނާނެ" ޑރ. ޝަަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ޒަކާތު ފަންޑަށް ފައިސާގެ އެހީދޭނެ ކަމަށް ވިދާޅުވި ދުބާއީގެ ވިޔަފާރިވެރިއަކާ އެކު، ޑރ. ޝަހީމް އަލީ ސައީދުގެ އަނބިކަނބަލުން އާފިޔާ ވަހީދު ވިޔަފާރި ކުންފުންޏެއް ހެދި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ 2013 ވަނަ އަހަރުގެ މާޗް މަހު އޭސީސީން އެ މައްސަލަ ބަލަން ފެށީ އެމަނިކުފާނު ޑރ. ވަހީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮންނެވެ.
ރާއްޖޭގެ ޒަކާތު ފަންޑަށް ކޮންމެ މަހަކު 10000 ޑޮލަރު (154200 ރުފިޔާ) ދޭނެ ކަމަށް ވިދާޅުވެފައިވާ ދުބާޢީގެ ވިޔަފާރިވެރިޔާ ފީރޯޒް ގުލާމް ހުސެއިން އާ އެކު ޝަހީމްގެ އަނބިކަނބަލުން އާފިޔާ ވަހީދުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި "ޕިއޯ ގޯލްޑް ޖުވެލާސް މޯލްޑިވްސް" ގެ ނަމުގައި ކުންފުންޏެެއް ރަޖިސްޓްރީ ކޮށްފައިވާކަން އޭރު އޭސީސީން ކުރި ތަހުގީގުތަކުން ހާމަވެއެވެ. އަދި އެ މައްސަލަ އޭސީސީން ބެލުމަށް ފަހު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ، 2013 ވަަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ނުވަތަ އެއިން މީހެއްގެ އަންބަކު ނުވަތަ ފިރިއަކު ވެސް އެއްވެސް ބިދޭސީއަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ނުވަތަ ހިންގުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައި ވީ ހިނދު އެމައްސަލަ އޭސީސީން ތަހުގީކޮށް އެމަނިކުފާނުގެ އަނބިކަނބަލުންގެ އެ މައްސަލަ ޕީޖީގެ އޮފީހަށް ފޮނިވިތޯ ރާއްޖެޓީވީން ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ، އެ ސުވާލު ޕީޖީއާއި ކުރެއްވުމަށެވެ.
މި މައްސަލަ ޕިޖީއަށް ފޮނުވިތާ ދުވަސްތަކެއް ފަހުން ޑރ.ޝަހީމްގެ އަނބިކަނބަލުން އާފިޔާގެ މި މައްސަލަ ޕިޖީ އޮފީހުން ވަނީ ކުއްލިގޮތަކަށް އަނބުރާ ނަގާފައެވެ. އެއީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި ޖެހިގެން އައިއަހަރު އާފިޔާ ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.