ޝެއިހު އިމްރާނުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ހުކުމާއި ގުޅޭ ގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަހީމު ވިދާޅުވީ، ޝެއިހު އިމްރާން އަބްދުﷲގެ ހުކުމާއި ގުޅޭ ގޮތުން ސުވާލު ކުރައްވަން ޖެހޭނީ ޖުޑިޝަރީއާ ކަމަށެވެ.
"ޝެއިހު އިމްރާނަކީ އަޅުގަނޑުގެ ވަރަށް ގާތް އަހެއް. އެމަނިކުފާނާއި މެދު ޝަރުއީ މަރުހަލާގައި ހިނގަމުންދާ ކަންކަމަކީ ފަނޑިޔާރުގެއާ ގުޅުން ހުރި ކަމެއް. އެކަމާގުޅޭ ގޮތުން ރައީސްގެ ރަނިންގމޭޓްގެ ހައިސިއްޔަތުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ހާމަކުރަންޖެހޭ ކަމަށް ގަބޫލެއް ނުކުރަން." ޝަހީމް ވިދާޅުވި އެވެ.
ޝެއިހު އިމްރާން އަބްދުﷲ ޖަލަށް ލެވިފައިވަނީ ހައްގުން ކަމަށް ގަބޫލުކުރައްވަންތޯ ސުވާލު ކުރެއްވުމުން ޝަހީމް ވިދާޅުވީ، ޕްރޮގްރާމުގައި ވަޑައިގެން އިންނެވީ، ފަނޑިޔާރެއްގެ ގޮތުގައި ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ރަނިންގ މޭޓުގެ ހައިސިއްޔަތުން ކަމަށެވެ. އެހެން ކަމުން އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަން ބޭނުންފުޅު ނުވާކަމަށެވެ.
ޝެއިހް އިމްރާން މޭޑޭ މުޒާހަރާގައި ކޮރަޕްޝަނާއި ދެކޮޅަށް ދެއްކި ވާޙަކަތަކާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން ޝަހީމް ވިދާޅުވީ، އެވާހަކަތައް އަޑު ނައައްސަވާ ކަމަށެވެ. ޝަހީމް އޭރު ހުންނެވީ ވަޒީރު ކަމުގެ މަގާމުގައި ކަމަށާއި ޝެއިހު އިމްރާނު އެފަދަ އެއްވުމަކަށް ވަޑައިގަންނަވަން އުޅުނުކަން ހިއްސާވެސް ނުކުރައްވާކަމަށެވެ.
" މޭޑޭގައި އެބޭފުޅާ ދެއްކެވި ވާހަކަތަކެއް އަޅުގަނޑު އަޑެއް ނާހަން. އަނެއްކާ އެވަގުތު އެއީ އަޅުގަނޑު އެހެން ކަންކަމާ އުޅުއްވި ވަގުތެއް. އެދުވަހު އެބޭފުޅާ ވާހަކަތައް ބައްޓަން ކުރެއްވީ ކޮން އަސާސްތަކެއްގެ މައްޗަށް ކަމެއްވެސް ނޭންގެ." ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ޝެއިހު އިމްރާނަކީ އެމަނިކުފާނުގެ އަހެއް ކަމަށާއި އެމަނިކުފާނާއި ގުޅުން އެދޭ ކަމަށެވެ.