މީގެ ކުރިން ކޮށްފައިވާ ކަމަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވެމުން އެކަމާ މެދު ސުވާލު އުފެއްދުން އެއީ އެއްވެސް ވާހަކައެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ކަންކަން ކުރުމުގައި ކަނޑައެޅިފައިވާ ގާނޫނުތަކާ ހިލާފަށް ކަމެއް ކުރައްވާކަން އިވެލުއޭޓްކޮށް ދައްކަވަންވީ ކަމަށާއި އެހެން ނަމަވެސް މީގެ ކުރިން ހުރި މަގާމަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި މިނިވަންކަމާއެކު ހުރެވޭނެ ކަމާމެދު ސުވާލު އުފައްދައިގެން ނުވާނެ ކަމަށެވެ.
" އަޅުގަނޑު މީގެ ކުރިން ކޮށްފައިވާ ކަމަކާމެދު ނުވަތަ ތަނެއްގައި ދައްކާ ވާހަކައާއި މެދު، މިވާހަކަ ދެއްކީމަ މިހާރު ކިހިނެއްހޭ ގަބޫލު ކުރާނީ ޝަރީފުގެ މިނިވަންކަން. އެއީކީ އެއްވެސް ވާހަކައެއް ނޫން. ބައްލަވާ ސިޔާސީ ޕާޓީތަކުގައި ތިއްބަވާ ބޭފުޅުންނަށް ބައްލަވާލައްވާ. އެނގޭނެ ބަދަލު އަންނަ ގޮތް. ކުރީގައި ވަކި ލީޑަރަކަށް ސަނާކީ މީހުން މިހާރު ހަމަ އިދިކޮޅު. ހަމަމިހާރު އިދިކޮޅަށް ތިބި މީހުންނަށް ސަނާކިޔަނީ. މިއީ އަޅުގަނޑު އަމިއްލަ ހައިސއްޔަތުން މިކަމާ މެދު ދެކޭ ގޮތް." ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމަށް އައުމުގެ ކުރިން ވަރަށް ބުރަކޮށް ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައި ހުންނާނެ ކަމަށާއި ސިޔާސީ ގޮތުން ވެސް މަސައްކަތް ކުރައްވައިފައިވާނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ، މިކަން މިހެން އޮތަސް ވަކި މަސައްކަތެއް ކުރުމަށް ހަވާލު ކުރުމަށް ފަހު، އެ މަސައްކަތެއް ކުރުމުގައި ކަނޑައަޅާފައިވާ ފްރޭމްވޯކަކުން ބޭރުވެގެން ސިޔާސީ ކަންކަން ނުކޮށް ނުހުރެވޭ ވަރަށް ސިޔާސީ ކަންކަން ކަށީގައި ހިފާފައި ހުރި މީހެއް ނޫން ކަމަށެވެ.
" އަޅުގަނޑު ގަބޫލު ކުރަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވައިދުތަކާ އެކު އިންތިހާބު ކުރިއަށްގެންދެވޭނެ ކަމަށް." ޝަރީފު ވިދާޅުވި އެވެ.