ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަލާދޭން އުޅުނު މައްސަލަ ބަލަމުންދާ ކަމަށާއި ރަސްމީކޮށް ކެންޑިޑޭޓުންގެ ކަންކަން މޮނިޓަރކުރަން ފަށާނީ ކެންޑިޑޭޓުންގެ ނަންތައް އިއުލާނު ކުރެވި ރަސްމީ ކެމްޕެއިން ހަރަކާތްތައް ފެށުމުން ކަމަށް އިލެކްޝަންސްކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކެންޑިޑޭޓުންގެ ކަންކަން ރަސްމީކޮށް ބަލަހައްޓާނީ ރަސްމީކޮށް ކެންޑިޑޭޓުންގެ ނަންތައް އިއުލާނު ކުރެވެމުން ކަމަށާއި ޕާޓީތަކުން ކެންޑިޑޭޓުންގެ ތާއީދު ހޯދުމަށްޓަކައި ގެންދާ ހަރަކާތްތައް އޭރުން ބަރާބަރަށް މޮނީޓަރ ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ކުރިން މިހާރު ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތަކަކީ ސިޔާސީ ހަރަކާތްތަކެއް. އެފަދަ ހަރަކާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން ދޭތެރެ ދޭތެރެއިން ސަލާމަތީ ކަންކަން ބަލަހައްޓާ ބޭފުޅުންނާއި މަޝްވަރާކުރަން. އިބޫގެ އަށް ބަޔަކު ހަމަލާދިނުމަށް މަސައްކަތް ކުރި މައްސަލަ ފުލުހުންނާއި ގުޅިގެންދަނީ ބަލަމުން. އެކަމަށް ކޮން ކަހަލަ ހައްލެއްތޯ އަދި އެހެން ހިންގާ ހަރަކާތްތަކުގައި ހަރަކާތް ހިންގާ ބޭފުޅުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކާއި ކޮންކަހަލަ އިތުރު ފިޔަވަޅުތަކެއްތޯ އެޅޭނީ." ޝަރީފު ވިދާޅުވިއެވެ.
އިންތިހާބާއި ގުޅޭ ގޮތުން އިތުރަށް ކޮމިޝަނުގެ ރައީސް ވިދާޅުވީ، ބަޖެޓު ނުލިބެން އިންތިހާބު ލަސް ނުވާނެ ކަމަށާއި ފިނޭންސް މިނިސްޓްރީން އިންތިހާބަށް ބޭނުންވާ ބަޖެޓު ހަމަޖައްސާދީފައިވާ ކަމަށެވެ.