އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ހަރަކާތް ހިންގާތަން ތަނުގެ ސެކިއުރިޓީ ވެސް ފުލުހުން ބަލަހައްޓަދޭން ޖެހޭނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިބޫއަށް ހުޅުމާލެއިން ބަޔަކު މީހުން ހަމަދޭން އުޅުނު މައްސަލަ ފުލުހުންނަށް ހުށައަޅާފައިވީ ނަމަވެސް ރަސްމީ އެއްވެސް ޖަވާބެއް އަދި މިހާތަނަށް ދީފައިނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"މުޒާހަރާއެއް ކުރަން އުޅެންޏާ އެތަނަށް ދުވެފައި ފުލުހުން ދޭ. އެންމެ ރަނގަޅު ދެ މީހުން އެއްވިއަސް، މިގޮތަށް އަޅުގަނޑުމެން ދޮރަށް ދޮރަށް ހިނގާއިރު ވެސް އަޅުގަނޑުމެންގެ އެދުމަކީ ފުލުހުން ވަޑައިގެން އެތަނުގެ ސަލާމަތީ ކަން ކަން ބަލަހައްޓާދޭން،" މާރިޔާ އަހްމަދުދީދީ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އިބޫ އައްޑޫ އާއި ފުވަމުއްލަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް އެމަނިކުފާނުގެ ޓީމަށް ފުލުހުން ރައްކާތެރިކަން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިބޫއަށް ސެކިއުރިޓީ ދޭން ފުލުހުންނަށް ރަސްމީ ސިފައެއްގައި އެދެން ވެސް ގަސްތުކުރައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.