މަޝްހޫރު ގާނޫނީ ވަކީލު ހުސައިން ޝަމީމުގެ ޝަސްޕެންޝަން އުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ފުލުހުން ތަހުގީގު ކުރަމުން ގެންދިޔަ ގާނޫނީ ވަކީލު ޝަމީމުގެ މައްސަލަ ބެލުމަށް ފަހު، އެމައްސަލަ ފައިލް ކޮށްފައިވާ ކަމަށް ބުރާސްފަތި ދުވަހު (މިއަދު) ސުޕްރީމް ކޯޓަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން ބުރާސްފަތި ދުވަހުން (މިއަދުން) ފެށިގެން ޝަމީމަކީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން މަނާ ކުރެވިފައިވާ ފަރާތެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ޝަމީމު އެންމެ ފަހުން ސަސްޕެންޑް ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުއެވެ.
އޭގެ ކުރިން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި 2015 ވަނަ އަހަރު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ވެސް ޝަމީމު ސަސްޕެންޑްކޮށްފައި ވެއެވެ. އެފަހަރު ވަރަށް ގިނަ ދުވަސް ވަންދެން ޝަމީމު ސަސްޕެންޝަންގައި ބަހައްޓާފައި ވެއެވެ.