ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނެރޭ ރަނިންގ މޭޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ކުރިމަތިލައްވައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޖޭޕީން ކަނޑައަޅާ ރަނިން މޭޓަކު ހޮވުމަށް ހުކުރު ދުވަހުގެ ރޭ ބާއްވާ އިންތިޚާބަށް ކުރިމަތިލެއްވުމަށް ބުދަ ދުވަހު އަލީ ހުސެއިން ވަނީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާ ފޯމް ހަވާލުކުރައްވާފައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގ މޭޓަކަށް ބޭފުޅަކު ހަމަޖެއްސުމަށް ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ފުރުސަތުގައި، އެޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށައެޅުއްވުމަށް ފަހު މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރަނިންގ މޭޓަކަށް އައްޔަންކުރައްވައިފި ނަމަ، މަސައްކަތް ކުރައްވާނީ އެޕާޓީގެ އަސާސްތަކާއި، ގުޅިފައިވާ ޕާޓީތަކުގެ ތަސައްވަރާ އެއްގޮތަށް ދިވެހި ރައްޔިތުން އެދޭ ބަދަލު ހާސިލުކޮށްދިނުމަށެވެ.

"ރަނިންގމޭޓް ހޮވުމުގައި އަޅުގަނޑުމެން ބަލަންޖެހޭނީ ހަގީގަތުގައި ތުރާކުނުން، ނުވަތަ ސީނު އަތޮޅުން ނުވަތަ ވ. އަތޮޅު ފޮއްތެޔޮ މުލިން ނޫނިއްޔާ މާމަކުނަދޫ އަށް ނިސްބަތްވާ މީހަކު ހޯދާކަން ނޫން. އަޅުގަނޑުމެން ބަލަން ޖެހޭނީ ރައީސް ޔާމީން ބަދަލުކުރުމުގައި އެންމެ ގިނަ ވޯޓު ހޯދޭނީ ކާކަށްތޯ. އެންމެ ގިނަ ރައްޔިތުން ފަސޭހަކަމާ އެކީގައި އެޕެއާއަކަށް ނުވަތަ ރަނިންގްމޭޓަކާއި ކެންޑިޑޭޓަކަށް ވޯޓުލާނީ ކާކު ރަނިންގ މޭޓަކަށް ގެނެސްގެންތޯ. އެހެންވީމަ ރައްޔިތުންނަން އެ ނިންމުން ނިންމޭނީ މިއަދު ނުވަތަ މާދަމާ އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން މި ބާއްވާ އެތެރޭގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެމްބަރުން ވޯޓު ދޭ ގޮތަކުން، އެހެންވީމަ ރައްޔިތުންނާ ހަމައަށް ނަމެއް ގެންދިއުމަށް ނިންމާ ނިންމުމަކީ ޖުމްހޫރީ ޕާޓީން ނިންމަންޖެހޭ ގައުމީ ނިންމުމެއް،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވިއެވެ.
އެ މަސައްކަތް އިޙްލާސްތެރިކަމާ އެކު ކުރާނެ ކަމުގެ ޔަގީންކަން ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްއަށާއި، ކައުންސިލްގެ މެންބަރުންނަށާއި، ރައްޔިތުންނަން އަރުވާ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ކުރިމަތިލަނީ ރާއްޖޭގެ އެތައް މުއައްސަސާއަކަށް އެތައް ބަދަލެއް ގެންނަންޖެހޭ، ބުރަ އަދި ފަންނީ މަސައްކަތަކަށް ކަމަށްވާ އިރު، އެ މަސައްކަތުގައި ރައްޔިތުން އެދޭ ފަދަ ރަނގަޅު ދައުރެއް އަދާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު ނިންމަންޖެހޭ ނިންމުމަކީ އަޅުގަނޑު ކުރިން ވެސް ދެންނެވި ގޮތަށް ރައީސް ޔާމީން ބަދަލުކުރުމަށް ނިންމަންޖެހޭ ނިންމުމެއް. އެ ނިންމުމަށްޓަކައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު ރަނިންގް މޭޓަކީ ހަމަ އަޅުގަނޑު،" އަލީ ހުސެއިން ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ރަނިންގ މޭޓް މަގާމަށް ކޮންމެ ބޭފުޅެއް އިންތިހާބުވިކަމުގައި ވިއަސް، ރައީސް ޔާމީންގެ އަނިޔާވެރިކަން ނިންމުމަށް ކުރެވޭ މަސައްކަތުގައި އެންމެ ކުރީގައި އަބަދުވެސް ހުންނާނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖޭގެ ރައްޔިތުންނަން އިންސާފު ހޯދައިދިނުމުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްޖެހުމެއް ނެތި ކުރަމުން ގެންދާނެ ކަމަށާއި، ރައްޔިތުން އެދޭ އުއްމީދީ ބަދަލުތައް ހާސިލުކުރުމަށް ރައްޔިތުންނާ އެކު މަސައްކަތްކުރުމުގައި ދެމިހުންނާނެ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިންގެ އިތުރުން ރަނިންގ މޭޓު ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްގެ އިތުރުން އަބްދުﷲ އަމީން ވެސް ވަނީ ކުރިމަތިލައްވާފައެވެ.