މާލޭގެ ބައެއް ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ މުއިއްޒު ވިދާޅުވީ ސިނަމާލެ އާއި މާލެހިޔާ އަދި ވިލިމާލެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން އެ ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ބެލެހެއްޓުމަށް ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވެގެންދާނެކަމުގެ ޔަގީންކަން، ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ހަރުކުރެވޭ ކެމެރާތައް ފުލުހުންގެ ކޮމާންޑް ސެންޓަރުން ވަގުތުން ބަލައިލެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެގެން ދާނެކަމަށް ވެސް މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒް ވިދާޅުވިއެވެ.
ނަވާޒް އިތުރަށް ވިދާޅުވީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ބެލެހެއްޓުމަށްޓަކައި ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީގެ ޚިދުމަތް ލިބިގެންދާނެ ކަމަށާއި އެ ކަމަކީ ފުލުހުންނާއި އެހެނިހެން ދާއިރާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.