ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ސީ އެމްބިޔުލާންސްއެއް އެމްއެންޑީއެފްއަށް ހަދިޔާ ކޮށްފިއެވެ.
ބުރާސްފަތި ދުވަހު ޗައިނާ ސަރުކާރުގެ ފަރާތުން ސީއެމްބިޔުލާންސް އެމްއެންޑީއެފްއާ ހަވާލުކުރުމަށް ކޯސްޓްގާޑު ބިލްޑިންގ ކޮންފަރެންސް ހޯލުގައި އޮތް ރަސްމިއްޔާތުގައި، މިކަމާގުޅޭ ޑޮކިޔުމެންޓްތަކުގައި ދެ ފަރާތުން ވަނީ ސޮއިކޮށްފައެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން މި ޑޮކިޔުމެންޓްތަކުގައި ސޮއިކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާ ވަފުދުގެ އިސްކޮށް ހުންނެވި ލެފްޓިނެންޓް ކާނަލް ޗެން ޒިއާއޯއެވެ. އަދި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުޙައިރެވެ.
މި ރަސްމިއްޔާތުގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު، ޒަންގް ލީޒޮންގް އާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުޙައިރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ދެ ބޭފުޅުންގެ ވާހަކަފުޅުގައި ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ބަދަހި އެކުވެރި ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖެއަށް ލިބުނު ސީ އެމްބިޔުލަންސް ވެގެންދާނީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.
26މީޓަރުގެ ދިގުމިން ހުންނަ މި ސީ އެމްބިޔުލާންސް އަކީ މެޑިކަލް މިނީ ތިއޭޓަރއެއްގެ ގޮތުގައި ބޭނުންކުރެވޭ ވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެ ފެސިލިޓީޒްތައް ޤާއިމްކޮށްފައިވާ ސީ އެމްބިޔުލާންސްއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެގޮތުން މި އުޅަނދުގައި ބައެއް ސްކޭން ޚިދުމަތްތަކާއި، އީސީޖީގެ ޚިދުމަތާއި އައިވީގެ ހުރިހާ ފެސިލިޓީޒްއެއްގެ އިތުރުން އޮކްޖީސަން ދެވޭ ޚިދުމަތްތައް ވަނީ ޤާއިމްކުރެވިފައެވެ.
މި އުޅަނދު އޮޕަރޭޓްކޮށް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ރަސްމިއްޔާތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޗައިނާއިން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދުގެ ނޭވީންނާއި، ޗައިނާ އެމްބަސީގެ ބައެއް އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.