ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ރަސްމީ ނަމުގެ ގޮތުގައި "ސިނަމާލެ ބްރިޖް" ހަމަޖައްސައިފިއެވެ.
އެކަން ހާމަކުރެއްވީ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައެވެ.
CMFB ge rasmee dhivehi namakee "Sinamale Bridge". pic.twitter.com/lyKACwrYkN
— Dr.Mohamed Muizzu (@MMuizzu) July 12, 2018
ހުޅުލެ އާއި މާލެ ދެމެދުގައި އަޅާ "ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަށް ކިޔާނެ ދިވެހި ނަމެއް ހުށަހެޅުމުގެ ފުރުސަތު ބަހުގެ އެކަޑަމީން ހުޅުވާލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ބަހުގެ އެކަޑަމީން އޭރު ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ނަންތައް ހުށަހެޅުމުގައި ސަމާލުކަން ދޭން ޖެހޭނެ ކަންކަމަކީ ރާއްޖެ އާއި ޗައިނާ ރަމްޒުކޮށްދޭ ނަމަކަށް ވުމާއި ދުލަށް ފަސޭހަ ނަމަކަށް ވުމާއި ގިނަވެގެން ނުވަ އަކުރަށް ވުރެ ދިގު ނަމަކަށް ނުވުން އަދި ރަނގަޅު މާނައެއް ދޭހަވާ ނަމަކަށް ވުން ހިމެނެއެވެ.
ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު، ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.
ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްގެން ހަދާ މި ބްރިޖް އަންނަ މަހު ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މިހާރު ބްރިޖް ވަނީ މާލެ އާއި ހުޅުލޭ އެއްކޮށް ގުޅާލައި ނިމިފައެވެ.