ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރުދީ އެމަނިކުފާނު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް ގޮވާލި ފެނަކަ ކޯޕަރޭޝަނުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާންގެ އެކައުންޓުން ޓްވީޓްކުރީ ހެކްކޮށްގެން ކަމަށް އެކުންފުނިން ބުނެފިއެވެ.
ރައީސް ނަޝީދު މިމަހުގެ 10 ވަނަ ދުވަހު ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވައި ލައްމާންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށފައިވާ ރިޕްލައިގައި އޭނާ ވަނީ ރައީސް ނަޝީދު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް ގޮވާލައްވާފައެވެ. އަދި ރައީސް ނަޝީދަކީ މީހުންގެ ހިތްތަކުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ މީހެއްގެ ގޮތުގައި އެ ޓްވީޓްގައި ވަނީ ސިފަކޮށްފައެވެ. ގިނަ ބައެއްގެ ފާޑުކިޔުމާއި މީޑިއާތަކުގެ ސަމާލުކަން ލިބުމާ ގުޅިގެން މި ޓްވީޓް ފަހުން ވަނީ ޑިލީޓްކޮށްފައެވެ.
މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ލައްމާންގެ ޕާސަނަލް ޓްވިޓާ އެކައުންޓް ހެކްކޮށް، ބަޔަކު އެ އެކައުންޓް މެދުވެރިކޮށް ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަން ސަމާލުކަމަށް ގެންނަ ކަމަށެވެ. އަދި އެމައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަމުން ގެންދާ ކަމަށާއި ދޮގު މައުލޫމާތުތަކަށް މީޑިއާ އިން ސަމާލުވެ ތިބުމަށް އެދޭ ކަމަށެވެ.
Noosbayaan: @TeamFenaka DMD @mohamedlamaan ge amihla Tweeter account vanee heck koffa.@VaguthuOnline @raajjemv @sunbrk @Mihaarunews @Ch13official @vfp_mv @addulive @avasmv @PSMnewsmv @tvmaldives @Sangu_tv @vtvmaldives pic.twitter.com/zLFdnqJ1Kq
— Fenaka Corporation (@TeamFenaka) July 11, 2018
ލަމްއާން ބުރާސްފަތި ދުވަހު ވަނީ އޭނާގެ ޓްވިޓާ އެކައުންޓް އަނބުރާ ލިބިފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.