މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާއިރު، އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާނެ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 އިން އޯގަސްޓް މަހުގެ 04 އާ ހަމައަށް އޮންނާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ރިޔާސީ ދައުރާ މެދު ހިޔާލުތަފާތުވުމެއް އުޅޭތީ އެކަމާ ބެހޭ ގޮތުން ބަންޑާރަ ނާއިބުގެ ލަފާއަކަށް އެދޭނެ ކަމަށް އޭރު ވިދާޅުވިއެވެ.
ޝަރީފް މިއަދު ވިދާޅުވީ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުވާކުރެއްވި ތާރީހު 17 ނޮވެމްބަރަށް ފަސްވެފައި ވާތީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކުރިމަތިލާ ތާރީހު މި މަހުގެ 23 އަށް ފަސްކުރެއްވީ ކަމަށެވެ.
ޝަރީފު ވިދާޅުވީ، އިންތިހާބުގައި ކަންކަން ހިންގަމުންދާ ގޮތްތައް ކަނޑައަޅާފައިވާ ކެލެންޑާ އާންމުކޮށްފައިވާ ކަމަށާއި އެގޮތުން ރީރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އޮގަސްޓް އެގާރައިގެ ނިޔަލަށް ރީ-ރެޖިސްޓްރޭޝަން ކުރިއަށްދާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
" ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިއުލާނުކޮށްފައިވާ ފަރާތްތަކަށާއި އެފަރާތްތަކަށް ތާއީދު ހޯދުމުގެ ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. އަދި އިލެކްޝަންސް ކޮމިޝަނުން އެފަދަ ކަންކަން ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގުމަށް އަޅުގަނޑުމެން ހިތްވަރުދެން," ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ރިޔާސީ ދައުރު ފެށުނު ތާރީހާއި ރިޔާސީ ދައުރު ނިމޭ ތާރީހާ މެދުގައި ހިޔާލު ތަފާތު ވުންތަކެއް އުފެދުނު ކަމަށެވެ. އެފަދަ ގޮތަކަށް ހިޔާލު ތަފާތުވެގެންދިޔައީ 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ހިޔާލު ތަފާތުވުމުން އަޅުގަނޑުމެން ލަފައަކަށް މިއެދެނީ. އަޅުގަނޑުމެން އޭރު އެދުވަހުން ދުވަހަށް އެޓަރނީ ޖެނެރަލްގެ ލަފއަކަށް އެދިފައިވާނެ. މީގެ ކުރިން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ހުންނެވި އިރު އެ ރިޔާސީ ދައުރު ކުރިއަށް ގެންދިއުމަށްޓަކާއި ސުޕްރީމް ކޯޓުން ނެރެފަ އޮތް ހުކުމް ވެސް އަޅުގަނޑުމެން ބަލާލިން. ނޮވެމްބަރު 17 އެއީ ރިޔާސީ ދައުރު ނިމޭ ތާރީހު ކަމުގައި ބަލާ ކަމުގައިވާ ނަމަ ގާނޫނީ ގޮތުން އިންނަ 120 ދުވަސް ތެރޭގައި އިއުލާނު ކުރަންޖެހޭނެ ކަމަށް. އެތާރީހަށް ބަލާފައި އެންމެ ފުރަތަމަ ޖެހޭ ތާރީހަކީ އެއީ ޖުލައ 23," ޝަރީފު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން 2013 ވަނަ އަހަރުގެ އޮކްޓޫބަރު 29 ވަނަ ދުވަހު ނެރުނު ހުކުމުގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގައި ކުރަން އޮތް ކަމެއް އެ މުއްދަތުގައި ފުރިހަމަ ނުކުރެވުމުގެ ސަބަބުން މުއްދަތެއް އިތުރުވާ ނަމަވެސް އެކަމަކީ ދައުލަތް ގާނޫނީ ހުސްކަމަކަށް އަންނަޖެހޭ ކަމެއް ނޫން ކަމަށާއި މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް ނެސެސިޓީ ނުވަތަ ހާޅަތުއް ސަރޫރާ އާއި ކޮންޓިނިއުޓީ އޮފް ލީގަލް ގަވަރމެންޓްގެ ދަށުން ރައީސަކު އިންތިހާބު ކުރެވެން ދެން އޭރު ހުރި ރައީސަކު ރައީސްކަމުގެ މަގާމުގައި ހުންނާނެ ކަމަށެވެ.