ސޯޝަލް މީޑިއާ ނެޓްވޯކެއް ކަމަށްވާ ސްކައިޕް މެދުވެރިކޮށް ރާއްޖޭގެ ޝަރުއީ ކޯޓަކުން ފުރަތަމަ ފަހަރަށް ހެކިވެރިއެއްގެ ހެކިބަސް ނަގައިފިއެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވައި ސްކައިޕް މެދުވެރިކޮށް ހެކި ބަސް ނަގާފައި ވަނީ ނޫސްވެރިޔާ ރިލްވާނުގެ އެއްބަނޑު އެއްބަފާ ހަމައެކަނި ބޭބެ މޫސާ ރިލްވާންގެއެވެ.
އޭނާ ވަނީ މޭލޭޝިއާގައި ހުރެ ސްކައިޕް މެދުވެރިކޮށް އެ ޝަރީއަތުގެ މަޖިލީހުގައި ހެކި ބަސް ދީފައެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ހެކި ބަސް ދިންއިރު އެ ތަނުގައި އެމްބަސީގެ ފަސްޓް ސެކެޓްރީއަށް ވުރެ މަތީ މަގާމެއްގެ ބޭފުޅަކު ހުންނެވިތޯ ޝަރީއަތުން ކަށަވަރުކޮށްފައި ވެއެވެ. އެކަން ކުރަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށެވެ.
ރިލްވާންގެ ބޭބެ، މޫސާ ރިލްވާންގެ ހެކިބަސް ކޯޓަށް ނަގާފައި ވަނީ ރިލްވާން ވަގަށް ނެގި ރޭ ރަތް ކުލައިގެ ކާރަކަށް ރިލްވާން އެރުވި ކަމަށް ބުނާތީ އާއި އެކާރުން ފެނުނު އިސްތައްޓެއް ރިލްވާންގެ މަންމަގެ ޑީއެންއޭ ދިމާވާ ކަމަށް ތަހުލީލު ރިޕޯޓުން ދައްކާތީއެވެ.
އެހެންކަމުން ރިލްވާންގެ ބޭބެ ހެކިބަސް ނެގީ އެ ރަތް ކުލައިގެ ކާރަށް އަރާފައިވާނެތޯ ކަށަވަރު ކުރުމަށްޓަކައެވެ. ރިލްވާން އެރުވި ކަމަށް ބުނާ ކާރުގެ ފޮޓޯއެއް ދެއްކުމަށް ފަހު، އެކާރަށް އެރިންތޯ ރިލްވާނުގެ ބޭބެ ގާތުގައި އެހުމުން އޭނާ ބުނީ އެކާރަށް ދުވަހަކު ވެސް ނާރާ ކަމަށެވެ. އަދި އެކާރު ނުދެކޭ ކަަމަށާއި އޭނާއަކީ ސައިކަލްގައި އުޅޭ މީހެއް ކަމަށް ވެސް ރިލްވާނުގެ ބޭބެ ހެކިބަސް ދެމުން ބުނެފައި ވެއެވެ.
ޝަރީއަތުން މީގެ ކުރިން ވަނީ ރިލްވާނުގެ މަންމަގެ ޑީއެންއޭ ދިމާވާނެ ކަމަށް ބެލެވޭ އާއިލާގެ ގިނަ މެމްބަރުންތަކެއްގެ ހެކި ބަސް ނަގާފައެވެ.
އެ ރަތް ކާރަކީ ރިލްވާން ވަގަށް ނެގި މައްސަލާގައި ދައުވާ ކުރާ އާލިފްގެ ކާރެކެވެ.
މޫސާ ރިލްވާންގެ ހެކި ބަސް ނެގުމާ އެކު ހެކި މިމައްސަލައިގެ ހެކިބަސް ނެގުން މިވަނީ ނިންމާލާފައެވެ.
ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި އާލިފް ބުނީ އޭނާގެ ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅި ފަރާތްތައް ގެންނަން ބޭނުން ނުވާ ކަމަށެވެ. އަދި ނޫރައްދީންގެ ފަރާތުން ހުށަހެޅި ތިން ހެކީންގެ ތެރެއިން ހެކި ބަސް ނުނެގިވާ ހެކިވެރިޔާ ހާޒިރުކުރަން ބޭނުން ނުވާކަމަށް އޭނާ ވެސް ވަނީ ބުނެފަ އެވެ. ނޫރައްދީންގެ ދިފާއުގައި ހުށަހެޅި ދެ ހެކީންގެ ހެކި ބަސް މީގެ ކުރިން ވަނީ ނަގާފައެވެ.
ދައުލަތާއި އާލިފް އަދި ނޫރައްދީން ވެސް ބުނީ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން، ހުލާސާ ބަޔާން އިއްވާ ދުވަހު ވާހަކަ ދައްކާނެ ކަމަށެވެ.
މިމައްސަލާގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމުގެ ޝަރީއަތުގެ އަޑުއެހުމެވެ. އޭގެ ފަހުން ދެން އޮންނާނީ ހުކުމް ކުރުމެވެ.
ގަދަކަމުން ރިލްވާން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރީއަތް ހިންގަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. މި މައްސަލައިގައި ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުމައިދުގެ މައްޗަށް ވެސް އެ ދައުވާ ކޮށްފައިވެއެވެ. އެހެން ނަމަވެސް ސުމައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން މީގެ ކުރިން ކޯޓްގައި ވަނީ ބުނެފައެވެ. އެހެން ކަމުން މި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ އޭނާ ނުހިމަނައެވެ.
ރިލްވާން ވަގަށް ނަގާފައިވާ މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން އޭނާ ކާރަކަށް އަރުވައިގެން އޭނާ ފޮރުވާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ލިބޭ މީހުން ތިބީ ދޫކޮށްލާފައެވެ.