ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަކީ ޟަމީރުގެ ޤައިދީއެއް ކަމަށް ކަނޑައަޅައި، ވަގުތުން އެމަނިކުފާނު މިނިވަންކުރުމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްއިއްޔާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލައިފިއެވެ.
އެޖަމާޢަތުން ބުނީ ފާރިސްގެ މައްޗަށް ޝަޚްސު އޮޅުވާލި ކަމަށް ބުނެ ދައުވާކޮށް، އިތުރު ދައުވާތަކެއް ކުރަމުންދަނީ އެމަނިކުފާނުގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުން ފަދަ އަސާސީ ހައްޤުތަކަށް ހުރަސް އެޅުމަށް ކަމަށެވެ. ފާރިސްގެ މައްޗަށް ކުރެވިފައިވާ ޝަރީޢަތްތަކުގައި ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލް އެޖަމާޢަތުން ބައިނަލްއަޤްވާމީ މުޖްތަމަތަޢަށް ހާމަކޮށްފައިވާއިރު، ފާރިސް މިނިވަންކުރުމަށް ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ ހުކުމުގައި ގޮވާލާފައިވާކަން އެމްނެސްޓީ އިން ފާހަގަކޮށްފައި ވެއެވެ.
އެމްނެސްޓީ އިން ވަނީ ފާރިސްގެ މައްޗަށް ކުރެވޭ ހުރިހާ ދައުވާތަކެއް އަނބުރާ ގެންގޮސް، ޖިނާޢީ ޢަދުލުގެ ނިޒާމަކީ ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކާ ދެކޮޅަށް ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް ނެހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމަށް ސިޓީ ހުށަހެޅުމަށް ދިވެހިންނަށާއި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލާފައެވެ. އަދި އެސިޓީތަކުގެ ކޮޕީތައް ބަންޑާރަ ނާއިބު މުހައްމަދު އަނިލްއަށް ފޮނުވުމަށް ވެސް އެޖަމާޢަތުން ގޮވާލިއެވެ.
އެމްނެސްޓީ އިން ބުނީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަތުރުވެރި ކަމަށް އެއިން މާބޮޑު އަސަރެއް ނުކުރާތީ، ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މައްޗަށް ކުރެވޭ ޝަރީޢަތްތައް ކުރިއަށްދަނީ ސިޔާސީ ގޮތުން ކުލަ ޖެހިގެން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ޚިލާފަށް ކަމަށް އެމްނެސްޓީ އިން ތުހުމަތުކުރިއެވެ.