އައްޑޫ ސިޓީ ހިތަދޫގައި ބުދަ ދުވަހުގެ ހަވީރު ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ އާއި ބުދަ ދުވަހުގެ ރޭ އައްޑޫ މަރަދޫފޭދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބް ވިދާޅުވީ އެ ދެ މީހުން ވެސް އިތުރު ފަރުވާއަށް ބުދަ ދުވަހުގެ ރޭ މާލެ ފޮނުވާލާފައިވާ ކަމަށެވެ. އަދި މިވަގުތު އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ނަޖީބް ވިދާޅުވިއެވެ.
ބުދަ ދުވަހުގެ ރޭ މިއެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫ ފޭދު އާއި ފޭދޫ ގުޅޭ ކޯޒްވޭ ސަރަހައްދުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މަރަދޫފޭދޫން ފޭދު އަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް، ކޮންޓްރޯލް ނުވެ ކޯޒްވޭގެ އަރިމަތީގައި ހުރި ތަނބެއްގައި ޖެހިފައެވެ. މި އެކްސިޑެންޓް ހިނގިއިރު ސައިކަލުގައި އިނނީ ދުއްވަން އިން މީހާ އެކަންޏެވެ.
ބުދަ ދުވަހު ހަވީރު 4:00 ހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 24 އަހަރުގެ އަންހެނަކާއި 17 އަހަރުގެ އަންހެން ކުއްޖަކަށެވެ. އޭގެ ތެރެއިން ސައިކަލް ދުއްވި 24 އަހަރުގެ އަންހެން މީހާގެ ހާލު ސިރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 24 އަހަރުގެ އަންހެން މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އޭނާއަކީ ސައިކަލް ދުއްވި މީހާއެވެ. އަދި ކާރުގައި އިން 17 އަހަރުގެ އަންހެން ކުއްޖާއަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ. ކާރުގައި އިތުރު މީހަކު އިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ
އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެ މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.